10 Oct 2016, 18:52
ޕާޓީގެ ލީޑާޝިޕާއި އަދި ޕާޓީގެ އެއްވެސް އިތުރު ގުނަވަނަކުން އެހެން ޕާޓީއެއްގެ އެތެރޭގައި ހިނގާ ކަންކަމަކާ ނުބެހޭނެ ކަމަށް ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްޑީއޭއިން ބުނެފި އެވެ.
އެމްޑީއޭއިން އެހެން ބުނެފައި ވަނީ މިއަދު ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްއިން ނެރުނު ނޫސް ބަޔާނަކާ ގުޅިގެން ނެވެ. ޕީޕީއެމްއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސަރުކާރުން އިސް ނަގައިގެން ފަށާފައިވާ މަޝްވަރާއަށް އެޕާޓީގެ ފަރާތުން ނަންތައް ރަސްމީކޮށް ފޮނުވާފައިވާއިރު، އެޕާޓީގެ ފަރާތުން މަޝްވަރާއަށް ފޮނުވަން ޖެހޭނީ ވަކި ގޮތަކަށް ކަންކަން ނިންމައިގެން ކަމަށް އެމްޑީއޭއަށް ނިސްބަތްވާ މެމްބަރު ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ.
ޕީޕީއެމްގެ ނޫސްބަޔާނުގައި ބުނެފައި ވަނީ އެ ޕާޓީގެ ފަރާތުން ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ބައިވެރިވާނެ ބައެއް ނިންމާނީ އެ ޕާޓީއިން ކަމަށެވެ. އަދި އެމްޑީއޭ ގެ މެންބަރަކަށް ޕީޕީއެމްއިން ކަން ކުރަން ވީ ގޮތް އެންގެވުމުގެ ހައިސިއްޔަތެއް އޮންނަކަމަކަށް ގަބޫލު ނުކުރާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ޕީޕީއެމްގެ ބަޔާނާ ގުޅިގެން އެމްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސިޔާސީ ވެށީގައި މިހާތަނަށް ހިނގައިދިޔަ އެއްވެސް ކަމަކާއި ހިތްނުތަނަވަސް ކަމެއް އޮވެގެން އެއްވެސް ފަރާތަކުން އެޕާޓީއާ ހިއްސާކޮށްފައި ނުވާ ކަމަށެވެ. އެފަދަ ކަމެއްގައި އެއްވެސް ފަރާތެއްގެ ކަންބޮޑުވުމެއް އެޕާޓީއާ ހިއްސާކޮށްފި ނަމަ އެކަމެއް އުފަލާ އެކު ބަލައިގަންނާނެ ކަމަށް އެ ބަޔާނުގައިވ ެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުތަކުގެ މަތީން އެކަމެއްގެ ހައްލު ހޯދުމަށް އަބަދުވެސް އެޕާޓީން ލޯބި ކުރާނެ ކަމަށް އެމްޑީއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.
"ގުޅިގެން އެއް ރޫހެއްގައި މަސައްކަތް ކުރުމުގެ ރިވެތި މަގު އޮތްއިރު އެމަގު ހިޔާރުނުކޮށް މިޕާޓީއާ މެދު ރައްޔިތުންގެ ހިތްތަކުގައި ނުބައި ތަސައްވަރެއް އުފެދިދާނެ ފަދަ ޒާތުގެ ނޫސްބަޔާނެއް ޕީޕީއެމްއިން ނެރުއްވާފައި ވާތީ އެކަމާ މި ޕާޓީން ކަންބޮޑުވެ، ހިތާމަކުރާ ކަމުގައި ދަންނަވަމެވެ." އެމްޑީއޭގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
އެމްޑީއޭއިން ބުނީ އެޕާޓީން ސިޔާސީ މައިދާނުގައި މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ގާނޫނު އަސާސީއާ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކަށް ތަބާވެ ގައުމުގެ ސިޔާދަތާއި ސުލްހަ މަސަލަސްކަމަށް އިސްކަން ދީގެން ކަމަށެވެ.