ރައީސުލްޖުމްހޫރިއްޔާ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ސެކްރެޓަރީ ބައިލެޓަރަލްގެ މަގާމަށް ގ. އުތުރުގޭ އަހުމަދު ހަލީލު އައްޔަންކުރައްވައިފި އެވެ.

ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ ފެންވަރަށް އައްޔަންކުރެއްވި ހަލީލަކީ 1982 ވަނަ އަހަރުން ފެށިގެން ފޮރިން މިނިސްޓްރީގެ އެކި މަގާމުތަކުގައި އަދި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އެކި ފެންވަރުގެ މަގާމުތައް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާ އެންމެ ފަހުން ފުރުއްވީ ޖަޕާނަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމެވެ. އެ މަގާމަށް އޭނާ އައްޔަން ކުރައްވާފައިވަނީ 28 އޮކްޓޫބަރު 2009 ގައެވެ. އެ މަގާމަށް އައްޔަން ކުރެއްވުމުގެ އިތުރުން އދ. ގައި ހުންނަ ރާއްޖޭގެ ޕާމަނަންޓް މިޝަންގެ ޕާމަނަންޓް ރެޕްރެޒެންޓެޓިވްގެ މަގާމުގައި ވެސް އޭނާ ހިދުމަތްކުރެއްވި އެވެ.

އޭގެ އިތުރުން، ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ތިން ވަނަ ސެކްރެޓަރީ ކަމުގެ މަގާމާއި އދ. ގައި ހުންނަ ރާއްޖޭގެ ޕާމަނަންޓް މިޝަންގެ ތިންވަނަ އާއި ދެވަނަ އަދި އެއްވަނަ ސެކްރެޓަރީ ކަމުގެ މަގާމުގެ އިތުރުން ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރާއި އިންޓަނޭޝަނަލް އެފެއާޒް ކަމުގެ މަގާމާއި ޑިރެކްޓަރު ކަމާއި ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލާއި އެގްޒެކެޓިވް ޑިރެކްޓަރު ކަމުގެ މަގާމު ވެސް އޭނާވަނީ ފުރުއްވާފައެވެ.