10 Oct 2016, 16:55
އެސްޓީއޯގެ އިޖްތިމާއީ ޒިންމާގެ ދަށުން ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ ސާފު ކުރުމުގެ ޕްރޮގްރާމުގެ ދަށުން ހުޅުމާލެ ފަޅުތެރެ ސާފުކޮށް ދެ ޓަނުގެ ކުނި ނަގައިފި އެވެ.
ތިމާވެއްޓާ މެދު އާންމުންގެ ހޭލުންތެރިކަން އިތުރު ކުރުމަށްޓަކައި ހުޅުމާލެ ޕެޓްރޯލް ޝެޑް ސަރަހައްދު ސާފުކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެސްޓީއޯއިން ބުނީ އެ ޕްރޮގްރާމުގެ ދަށުން ގިނަ އަދަދެއްގެ ބިއްލޫރި ފުޅި އާއި ޕްލާސްޓިކާއި ދަގަނޑުގެ ބާއްވަތްތައް ނަގައިފައިވާ ކަމަށެވެ.

އެސްޓީއޯ އިން ހުޅުމާލޭގައި ހިންގި ފަރު ސާފުކުރުމުގެ ޕްރޮގްރާމުގެ ތެރެއިން --- ފޮޓޯ/ އެސްޓީއޯ
އެންމެ ގިނައިން ނަގާފައިވަނީ އާއްމު ކުންޏާއި ޕްލާސްޓިކުގެ އިތުރުން ވަލެވެ. އެގޮތުން ނެގި ޖުމްލަ ކުނީގެ ބަރުދަނުގައި 2.07 ޓަނު ހުރި ކަމަށް އެސްޓީއޯއިން މައުލޫމާތުދެ އެވެ.

އެސްޓީއޯ އިން ހުޅުމާލޭގައި ހިންގި ފަރު ސާފުކުރުމުގެ ޕްރޮގްރާމުގައި ނެގި ކުނީގެ ތަފްސީލު --- ފޮޓޯ/ އެސްޓީއޯ
އެސްޓީއޯގެ އަހަރީ ފަޅު ސާފުކުރުމުގެ ހަރަކާތް މިދިޔަ ދެ އަހަރު ވެސް ކުރިއަށްގެންދިޔަ އިރު، މިއަހަރުގެ ޕްރޮގްރާމުގައި ވިލިމާލޭގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ސޭވް ދަ ބީޗާއި ޑައިވް ކްލަބް މޯލްޑިވްސް، ރާއްޖެ ޑައިވާޒް، ޑައިވް ޑެސްކްގެ އިތުރުން ރޮޓަރެކްޓް ކްލަބް އޮފް މޯލްޑިވްސް އަދި ޑެމޭޖް ކޮންޓްރޯލުން ބައިވެރިވި އެވެ.
މީގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑާއި ރެޑްކްރެސެންޓްގެ އެއްބާރުލުމާއި ޑައިވަރުންގެ އިތުރުން ސްނޯކްލް ކުރުމަށާއި އެއްގަމުގައި ކުނިބުނި ސާފުކޮށް ބައިބަޔަށް އެޅުމަށް ވޮލަންޓިއަރުން ހަރަކާތްތެރިވި ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯ އިން ހުޅުމާލޭގައި ހިންގި ފަރު ސާފުކުރުމުގެ ޕްރޮގްރާމުގެ ތެރެއިން --- ފޮޓޯ/ އެސްޓީއޯ