އަލްޖަޒީރާގެ ޖޯސެފް މަސާޑް ލިޔުނު ރިޕޯޓްގެ ތަރުޖަމާ: މުހައްމަދު ނަސީމު

އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ވާހަކަފުޅުތަކުގައި އަރަބި ކުޑަކުދިންގެ ކުރިއަށް ޔަހޫދީ ކުދިންގެ ވާހަކަ ވިދާޅުވަނީ ކީއްވެބާ އެވެ؟ އަދި ހުޅަނގުގެ މީޑިޔާތަކުން ވެސް އެގޮތަށް އެކަން ކުރަނީ ކީއްވެބާ އެވެ؟ ޔަހޫދީ ކުދިން މާ މޮޅީހެއްޔެވެ؟ ނޫނީ ދޮނީ ހެއްޔެވެ؟ ނުވަތަ އަރަބި ކުދިންނަށް ނުލިބިވާ ހަމްދަރުދީއާއި ސަޕޯޓް ލިބުން މާ ހައްގު ކުދިން ތަކަކަށް ޔަހޫދީ ކުދިން ވަނީ ހެއްޔެވެ؟ ޔަހޫދީ ކުދިންގެ މައިބަފައިން ކޮށްފައިވާ ނުބައިކަންތައްތަކުގެ ކުށުން ބަރީއަވެގެންވާ މައުސޫމު ކުދިންނަށް ވާތީ ހެއްޔެވެ؟ އަރަބި ކުދިން ކަޅުވެފައި، ހުތުރުވެފައި، ނުރައްކާތެރިވެފައި ބިރުވެރީ ހެއްޔެވެ؟ އެކަމުގެ ސަބަބުން އަރަބި ކުޑަކުދިން ދެކެ ބިރުގަންނަ ބައްޔެއް ހުޅަނގުގައި ފެތުރިފައި ވަނީ ހެއްޔެވެ؟

މައުސޫމްކަމާއި ކުޑަކުދިންނަކީ ހުޅަނގުގެ ސިޔާސީ ވާހަކަތަކުގައި އާއްމުކޮށް ބޭނުންކުރާ ބަހުރުވައެވެ. ރަސްމީ ކޮށާއި ނުރަސްމީކޮށް ދައްކާ ވާހަކަތަކުގައި ވެސް އެކަން އޮތީ އެހެންނެވެ.

ޔަހޫދީން ފަލަސްތީނުގެ ބިމުގައި ހިންގާ ޒަޔަނިސްޓް މަޝްރޫއުތަކަށް ތާއީދު ލިބޭގޮތަށް ވާހަކަ ދެއްކުމާއި އެކަމާ ދެކޮޅު ހަދާ އަރަބިންނާ ދެކޮޅުވެރިކަން އުފެދޭ ގޮތަށް ރަސްމީ އަދި ނުރަސްމީ ވާހަކަތައް ބައްޓަން ކުރާ ކަމީ މީހަކު ނުބުންޏަސް ތެދުކަން އެނގޭ ވަރުގެ ހަގީގަތެކެވެ.

ނަމަވެސް އެމީހުންގެ ގޮތްތަކަކީ މުޅި ދުނިޔެ ގަބޫލުކުރާ އުސޫލުތަކެއް ކަމުގައި ހަދަން މަސައްކަތްކުރާ އިރު ހުޅަނގުން އެންމެ ކުޑަމިނުން ޔަހޫދީ ކުޑަކުދިންނާ އަރަބި ކުދިންނާ ދެމެދު ތަފާތު ނުކުރާނެ ކަމަށް ބަޔަކު އުއްމީދުކޮށްފާނެ އެވެ. މިދެބައިގެ ކުދިންނަކީ އަޅުވެތިކުރުމުގެ ގޮތުން ޒަޔަނިސްޓުން ހިންގާ ހަމަނުޖެހުންތަކާއި އެކަމާ ދެކޮޅު ހެދުމުގެ ގޮތުން އަރަބިން ހިންގާ ހަމަނުޖެހުންތަކުގެ ސަބަބުން އަނިޔާ ލިބެމުންދާ ކުދިންގެ ގޮތުގައި ހުޅަނގުން ބަލައިގެންފާނެ ކަމުގައި ވެސް ބަޔަކު އުއްމީދުކޮށްފާނެ އެވެ.

ކޮންމެ ބަޔަކު ކޮންމެ ގޮތަކަށް ހުޅަނގާ މެދު އުއްމީދު ކުރިޔަސް ކުޑަކުދިންނާއި ކުށެއް ނެތުން ހުޅަނގުން ކުރާ ކަމަކީ ޒަޔަނިސްޓުންނާއި އިސްރާއީލުގެ ކުށެއް ނެތްކަމުގެ ރަމްޒެއްގެ ގޮތުގައި ޔަހޫދީ ކުދިންނާއި ކުށެއް ނެތުން ގުޅުވުމެވެ. އަދި އަރަބި ކުދިންނާ މެދު ހުޅަނގުން ހަމްދަރުދީ ފާޅުކުރަނީ އަރަބިން ކުށްވެރި ކުރުމާއެކު އަރަބި ކުދިންނަކީ ވެސް ކުށްވެރި ކުދިން ކަމުގައި ހެދުމަށެވެ.

ކުޑަކުދިންނަށް ވީތީ އަރަބި ކުދިންނަށް ހުޅަނގުގެ ހަމްދަރުދީ ލިބުނީ އެންމެ ފަރަހަކުއެވެ. އެއީ މީގެ މަދު އަހަރުތަކެއް ކުރިން އިސްރާއީލާއި ހުޅަނގުގެ ޕްރޮޕަގެންޑާ ވަސީލަތްތަކުން ގުޅިގެން ބޮޑު ޕްރޮޕަގެންޑާއެއް ހިންގި ދުވަސްވަރުގ ައެވެ. އެދުވަސްވަރު ފަތުރަމުން ގެންދިޔަ ޕްރޮޕަގެންޑާއަކީ )ހުޅަނގާއި އިސްރާއީލުން ސިފަކުރާ ގޮތުން ނަމަ( ގޮތެއް ފޮތެއް ނެތް އަރަބި ބެލެނިވެރިން އަތުން އަރަބި ކުދިން ސަލާމަތްކުރަން ޖެހޭ ކަމަށް ބުނެ ފަތުރަމުން ދިޔަ ޕްރޮޕަގެންޑާ އެވެ.
އެދުވަސްވަރު ހުޅަނގުގެ ޕްރޮޕަގެންޑާ މެޝިންތަކުން ބުނަމުން ދިޔައީ އަރަބި ބެލެނިވެރިން އެމީހުންގެ ދަރިން ހަމަނުޖެހުންތަކަށް ތަމްރީންކުރާ ކަމަށެވެ. އަދި އަރަބިން އެމީހުންގެ ކުދިންނަށް އެއްވެސް ލޯތްބެއް ނެތި ހަމަނުޖެހުންތަކުގެ މެދަށް ވައްދައިގެން އުޅޭ ވާހަކަ އެވެ. އަދި އެމީހުންގެ ހަމަނުޖެހުން ބޮޑު ސިޔާސީ މަގުސަދުތަކަށްޓަކައި ކުދިން ގުރުބާން ކުރަމުންދާ ވާހަކައެވެ.

އެދުވަސްވަރު ހުޅަނގާއި އިސްރާއީލްގެ ހަބަރުފަތުރާ ވަސީލަތްތަކުން ބުނަމުން ދިޔައީ އަރަބި ކުދިން މަރުވުމުގެ ޒިންމާ އުފުލަން ޖެހޭނީ އިސްރާއީލް ނޫން ކަމަށެވެ. އަދި އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ އިސްރާއީލްގެ އުންޑަތައް ދަތުރުކުރާ ރޮނގު މައްޗަށް އެކުދިން ނެރުނު އެއްވެސް އަޅާލުމެއް، ލޯތްބެން ނެތް ބެލެނިވެރިން ކަމަށެވެ. އެމީހުން އޭރު ބުނަމުން ދިޔައީ އަރަބި ބެލެނިވެރިން އެގޮތަށް ކަންތައް ކުރީމައި ކުޑަކުދިން މަރަން އިސްރާއީލްގެ ޔަހޫދީ ސިފައިންނަށް މަޖުބޫރުވަނީ ކަމަށެވެ.

މިވާހަކަ ތަކަކީ އިސްރާއީލުން ފަލަސްތީން މީހުން މަރަމުންދާ ދިއުމަށް ބަހަނާއެއްގެ ގޮތުގައި އަބަދުވެސް ދައްކާ ވާހަކަތަކެވެ.

ޔަހޫދީންގެ މިފާޑުގެ ވާހަކަތަކުގެ ތެރެއިން މަޝްހޫރު އެއް ވާހަކައަކީ )1969 ވަނަ އަހަރުން ފެށިގެން 1974 ވަނަ އަހަރާ ހަމައަށް އިސްރާއީލްގެ ބޮޑުވަޒީރަކަށް ހުރި( ގޯލްޑާ މެއިރް ވިދާޅުވެފައިވާ ވާހަކައެކެވެ. އޭނާ ވިދާޅުވެފައިވެއެވެ: " ކަލޭމެން އަހަރެމެންގެ ދަރިން މެރުމުގެ ކުށް އަހަރެމެންނަށް މާފު ކުރެވިދާނެއެވެ. ނަމަވެސް ކަލޭމެންގެ ދަރިން މެރުމަށް އަހަރެމެންނަށް ޖެއްސިކަމުގެ ކުށް މާފެއް ނުކުރެވޭނެއެވެ."

ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ދުނިޔޭގެ ބޮޑު ބާރުގެ ގޮތުގައި އެމެރިކާ މަޝްހޫރުވެގެން އައި ދުވަސްވަރު ޔަހޫދީ ކުޑަކުދިންގެ ވާހަކައަކީ ޔަހޫދީންގެ ކުށެއް ނެތް ކަން ހާމަކޮށްދިނުމަށް އެމެރިކާއިން ބޭނުން ދިޔަ ގިނަގިނައިން ބޭނުން ކުރަމުން ދިޔަ ވާހަކައެކެވެ. އެމެރިކާގެ މިހާރުގެ ރައީސް ބަރަކް އޮބާމާ ވަނީ އެމެރިކާގެ ތާރީހީ އެ ސަގާފަތް ބޭނުންކުރައްވަން ފައްޓަވާފަ އެވެ. އެގޮތުން އޮބާމާ ވަނީ ފަލަސްތީނުގެ އަރަބި ކުޑަކުދިންނަކީ އިސްރާއީލްގެ އަނިޔާތަކުގެ ޝިކާރަޔަކަށް ވެފައިވާ ކުދިންގެ ގޮތުގައި ފާގަހަކުރައްވަން ވެސް ދެކޮޅު ހައްދަވާފައެވެ.

2009 ވަނަ އަހަރުގެ ޖޫން މަހުގެ ހަތަރުވަނަ ދުވަހު މިސްރުގެ ވެރިރަށް ގާހިރާގައި އަރަބީންނާ މުހާތަބު ކުރައްވައި ދެއްވި މަޝްހޫރު "ގާހިރާ ތަގުރީރު" ގައި އޮބާމާ ވިދާޅުވެފައިވެއެވެ: " ނިދާފައި ތިބޭ ކުޑަކުދިންނަށް ރޮކެޓް ހަމަލާތައް ދިނުމަކީ ހިއްވަރާއި ބާރުގެ ނިޝާނެއް ނޫނެވެ. ބަހެއްގައި ދަތުރުކުރަމުންދާ މުސްކުޅި އަންހެނުންތަކަކާ އެކު ބަސް ގޮއްވާލުން ވެސް އެފަދައެވެ."

އޮބާމާ ވަނީ މިދިޔަ މޭމަހު 19 ވަނަ ދުވަހު ދެއްވި "ވިންޑް އޮފް ޗޭންޖް" ތަގުރީރުގައި ވެސް މިފަދަ އިބާރާތްތައް ތަކުރާރު ކުރައްވާފައެވެ. އެތަގުރީރުގައި އޭނާ ވިދާޅުވެފައި ވެއެވެ.
" އިސްރާއީލާއި އަރަބިންގެ ހަމަނުހުމުގެ ހިޔަނި ސަރަހައްދަށް ވަނީ އެޅިފައެވެ.

އިސްރާއީލް މީހުންނަށް އެކަން މާނަ ކުރެވޭނީ ބަހަކާ އެކު އެމީހުންގެ ކުދިން ގޮއްވާލަފާނެ ކަމުގެ ބިރުގައި ދިރިއުޅުން ކަމަށެވެ. އަދި އެމީހުންގެ ގެއަށް ރޮކެޓެއް އަރާފާނެ ކަމުގެ ބިރުވެރިކަމުގައި ދިރިއުޅުން ކަމަށެވެ. އަދި ހަމަ އެފަދައިން ސަރަހައްދުގައި ދިރިއުޅޭ އެހެން ކުޑަކުދިންނަށް ވަނީ އިސްރާއީލް މީހުންގެ ދަރިން ދެކެ ރުޅިއައުމަށް ދަސްކޮށްދީފައިވާކަން އެނގޭ ހާލުގައެވެ."

ގާނޫނާ ހިލާފަށް އިސްރާއީލުން ފަލަސްތީންގެ ބިންތައް ފޭރެމުންދާ ދިއުމަށް އެމެރިކާއިން ރަސްމީކޮށް ތާއީދުކުރާކަން ހާމަކުރައްވަމުން އޮބާމާ ވިދާޅުވެފައި ވެއެވެ.

" ވަރުގަދަ އަވައްޓެރިން ތަކެއްގެ ތެރޭގައި އިސްރާއީލް ފަދަ ކުޑަ ގައުމަކަށް ރައްކާތެރިކަން ހޯދުމަކީ ކިހާ އުނދަގޫ ކަމަކަށް ވާނެކަން އަހަރެންނަށް އެނގެއެވެ. އިސްރާއީލުން ހިންގާ އަނިޔާވެރި އަމަލުތަކަށް ފަސްއަޅައި ފޮރުވުމަށްޓަކައި ހުޅަނގާއި އެމެރިކާއިން އަބަދުވެސް ދައްކަނީ ޔަހޫދީ ކުޑަކުދިންގެ ވާހަކައެވެ.

އެމެރިކާއާއި ހުޅަނގުން މިފަދަ ގޮތަކަށް ޕްރޮޕަގެންޑާ ފަތުރަމުން ދާއިރު ޒަޔަނިސްޓް ޓެރަރިސްޓުން ފަލަސްތީންގެ ކުށެއްނެތް އާއްމުންނަށް ދޭން ފެށި ފުރަތަމަ ހަމަލާތަކުގައި ވެސް ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ މަރުވެފައެވެ. އެގޮތުން 1930 އާއި 1940ގެ އަހަރު ތަކުގައި ފަލަސްތީން މީހުން މެރުމަށް އުފެއްދި ހައްގާ ނަމަކަށް ކިޔާ ޒަޔަނިސްޓް ޖަމާއަތުން 1948 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހިންގި ގަތުލުއާއްމަކީ ގިނަ ބަޔަކު ދަންނަ ހާދިސާއެކެވެ. އެހާދިސާ ލިއުނު ޔަހޫދީ ތާރީހު އިލްމުވެރިއަކު ލިޔެފައި ވެއެވެ.

" އަވަށަށް ވަދެގަތް ފުރަތަމަ ހަނގުރާމަވެރިން ދިން ހަމަލާގައި އަންހެނުންނާއި ކުޑަކުދިން އަދި މުސްކުޅިން ވެސް ހިމެނޭ ގޮތުން 100 މީހުން މަރާލިއެވެ. އެހަނގުރާމަވެރިން ކުޑަކުދިން މެރީ އެކުދިންގެ ބޮލުގައި ދަނޑިބުރިބުރިން ތަޅައި، ބޯ ޗިސްކޮށްލައިގެންނެވެ. މުސްކުޅި ދެ އަންހެނުން ގެއަކަށް ވައްދާފައި އެދެމީހުންނާ އެކު އެގެ ގޮއްވާލުމަށް އެއް ކޮމާންޑަރަކު އޭނާގެ ދަށުގައިވާ މީހަކަށް އަމުރުކުރިއެވެ. އޭނާ އެކަމާ ދެކޮޅު ހެދިއެވެ. ނަމަވެސް ދެން ތިބި އެހެން މީހުން ކައިރީ ބުނެގެން ކޮމާންޑަރު އެކަން ކުރިއެވެ."

1956 ވަނަ ކަފްރު ގައްސާމް ނަމަކަށް ކިޔާ ރަށުގައި އިސްރާއީލް ސިފައިން ހިންގި ގަތުލުއާއްމެއްގައި 46 މީހުން މަރާލި އިރު އޭގެ ތެރޭގައި 23 ކުޑަކުދިންނ ހިމެނެއެވެ.

1983 ވަނަ އަހަރުން ފެށިގެން 1993 ވަނަ އަހަރާ ހަމައަށް ކުރިއަށް ދިޔަ ފަލަސްތީނުގެ ފުރަތަމަ އިންތިފާދާގައި އެކަނި ވެސް އިސްރާއީލް ސިފައިން ފަލަސްތީނުގެ 213 ކުދިން މަރާލާފައި ވެއެވެ. އެއީ މާބަނޑު އަންހެނުން އުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް އިސްރާއީލް ސިފައިން ދިން އަތުބޮމާއި ގޭހުގެ ހަމަލާތަކުގެ ސަބަބުން ބަނޑުގައި ތިއްބައި މަރުވެގެން ވެއްޓުނު އެތައްހާސް ކުދިން ނުހިމަނައެވެ. އޭގެ އިތުރުން އިސްރާއީލް ސިފައިން ދިން އަނިޔާތަކުގެ ސަބަބުން 23600 އާއި 29900 އާ ދެމެދުގެ އަދަދެއްގެ ފަލަސްތީނު ކުދިންނަށް ހޮސްޕިޓަލްގައި ފަރުވާދޭން ޖެހުނުކަމަށް ސްވިޑުންގެ " ސޭވް ދަ ޗިލްޑްރަން " ނަމަކަށް ކިޔާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތަކުން އަންދާޒާކުރެއެވެ. މަރާލި ކުދިންނާއި ޒަހަމްކޮށްލި ކުދިންގެ ތެރެއިން ތިންބައިކުޅަ ދެބައި ކުދިންނަކީ ދިހައަހަރުން ދަށުގެ ކުދިންނެވެ.

ހަމަ އެމުއްދަތުގައި ފަލަސްތީނުގެ މުޖާހިދުން ދިން ހަމަލާތަކުގައި މަރުވެފައިވަނީ އިސްރާއީލްގެ ފަސްކުދިންނެވެ.
2000 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާ ހަމައަށް ކުރިއަށް ދިޔަ ފަލަސްތީނުގެ ދެވަނަ އިންތިފާދާގެ ދުވަސްވަރު އިސްރާއީލް ސިފައިން ފަލަސްތީނުގެ 500 ކުޑަކުދިން މަރާލިއެވެ. އަދި 10000 ކުދިން ޒަހަމްކޮށް ، 2200 ކުދިން ހައްޔަރުކުރިއެވެ.

2008 ވަނަ އަހަރު އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 1400 މީހުން މަރުވި އިރު އޭގެ ތެރޭގައި 313 ކުޑަކުދިން ހިމެނެއެވެ. އެދުވަސްތަކުގައި ފަލަސްތީންގެ ހަނގުރާމަވެރިން ރައްދުގައި ދިން އެއްވެސް ހަމަލާއެއްގައި އިސްރާއީލްގެ ކުޑަ އެންމެ ކުއްޖަކުވެސް މަރުވެފައެއް ނުވެއެވެ. އެތިބަ ދޮގުހަދާ ޔަހޫދީން އެހެން ބުނެފައި ވެސް ނުވެއެވެ.

މިއީ އަދި އިސްރާއީލުން މަރާފައިވާ އަރަބި ކުޑަކުދިންގެ ތެރެއިން ދާދި މަދު ކުދިންކޮޅެއް ގެ ވާހަކައެވެ. މަދު ހާދިސާތަކެއްގެ ވާހަކައެވެ. ފާއިތުވި 63 އަހަރުގެ ތެރޭގައި ޔަހޫދީން މެރި ހުރިހާ ކުޑަކުދިންގެ އަދަދުގެ ވާހަކަ ދައްކާ ނަމަ އަދި މިފަދަ އެތައް ސަތޭކަ ސޮފްހާއެއް ބޭނުންވާނެއެވެ.
އަރަބިންނަށް މިކަންތައްތައް ރަނގަޅަށް އެނގޭއިރު އޮބާމާ ވަޑައިގެން މަރުވެފައިވާ އަރަބި ކުޑަކުދިންގެ ވާހަކަ ވިދާޅު ނުވެ، އަދި އަރަބި ކުދިންނަށް ހަމްދަރުދީވާން އިސްރާއީލަށް ގޮވާ ނުލައްވައި، އިސްރާއީލްގެ ކުޑަކުދިންނަށް ހަމްދަރުދީ ވާން އަރަބިންނަށް ގޮވަނީ ފަލަސްތީން ކުދިންގެ ހަމަ އަގު ދަށީބާއެވެ؟
(