10 Oct 2016, 16:31
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފުވައްމުލައް ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މި ސިޓީއަށް ވަޑައިގެންފިއެވެ.
ރައީސް ޔާމީން ފުވައްމުލަށް ސިޓީއަށް ވަޑައިގަތީ، މި ސިޓީގެ ފެނާއި ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ރަސްމީކޮށް އިފްތިތާހުކޮށް ފައްޓަވައިދެއްވުމަށެވެ. މީގެ އިތުރުން މި ދަތުރުފުޅުގައި ފުވައްމުލަކު ސިޓީގެ މަގު ހެދުމުގެ މަޝްރޫއުވެސް އެމަނިކުފާނު ފައްޓަވައިދެއްވާނެ އެވެ.
ރައީސް ވަޑައިގަތުމުން ފުވައްމުލައް ސިޓީން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ފުވައްމުލައް ސިޓީގެ ވައިގެ ބަނދަރުން ރައީސަށް މަރުހަބާ ދެންނެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރުގެ އިތުރުން ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރައްވާފައިވާ ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދު އިބްރާހީމެވެ. މީގެ އިތުރުން ބައެއް އިއްޒަތްތެެރީންނާއި އާންމުންގެ ގިނަ ބަޔަކުވެސް ރައީސަށް މަރުހަބާ ދެންނެވުމަށް ވަޑައިގަތެވެ.
ފުވައްމުލައް ސިޓީގެ ނަރުދަމާގެ މަސައްކަތް ހަވާލުކޮށްފައިވަނީ ލަންކާ ކުންފުންޏެއް ކަމަށްވާ ސިއެރާ އާ އެވެ. އެ ކުންފުނިން މިހާރުވެސް ރާއްޖޭގެ ފަސް ރަށެއްގައި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެއެވެ.
ރައީސްގެ މި ދަތުރުފުޅަކީ ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ދެއްވި ފަހުން އެމަނިކުފާނު މި ސިޓީއަށް ވަޑައިގަންނަވާ ފުރަތަމަ ދަތުރުފުޅެވެ. އެމަނިކުފާނު ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ދެއްވާފައިވަނީ މިދިޔަ މަހުގެ ފަހު ކޮޅުގައެވެ.