10 Oct 2016, 17:05
ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް އަންނަ އަހަރު އަޅަން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކްޓިވް އިބްރާހީމް އިސްމާއިލް އަލީ ވިދާޅުވެއްޖެ އެވެ.
ދަރުމަވަންތަ ސްކޫލުގެ ބާ އިމާރާތް ތަޅާލުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރުމަށް މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިބްރާހީމް އިސްމާއިލް ވިދާޅުވީ، ދަރުމަވަންތަ ސްކޫލުގެ ބާ އިމާރާތް ތަޅާލައި އަންނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓު ހަމަޖެހުނުހާ އަވަހަކަށް ފިނޭންސް މިނިސްޓްރީއަށް ދަރުމަވަންތަ ސްކޫލުގެ އާ އިމާރަތުގެ މަސައްކަތް ފައްޓަވައިދެއްވުމަށް ދަންނަވާނެ ކަމަށެވެ.
ދަރުމަވަންތަ ސްކޫލުގެ ބައު އިމާރާތް ތަޅާލުމުގެ މަސައްކަތް އައިއެސްއެޗް މޯލްޑިވްސް އާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިބްރާހީމް އިސްމާއިލް ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒަ މޫސާ
އޭނާ ވިދާޅުވީ، ދަރުމަަަވަންތަ ސްކޫލުގެ އާ އިމާރާތް އަންނަ އަހަރު ފަށައިގެން 2018 ވަނަ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. އަދި އެ އިމާރާތުގައި ކޮންމެ ދަންފަޅިއެއްގައި 1200 އާ 1500 އާ ދެމުދުގެ ދަރިވަރުންނަށް ކިޔެވޭނެ ޖާގަ އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ސްކޫލް އަޅުގަނޑުމެންނަށް 2017ގަ ފަށައިގެން އިރާދަ ކުރެއްވިއްޔާ 2018 އަންނަން ވާއިރަށް ނިންމާލެވިއްޖެ ކަމަށް ވަންޏާ މާލޭގެ ސްކޫލްތަކަށް އޮންނަ އެންރޯލްމެންޓުގެ ދަތިކަން، ކުދިން ވެއްދުމުގެ ދަތިކަން ވަރަށް ބޮޑުތަން ހައްލުވެގެން ދާނެ ކަމަށް އަޅުގަނޑުމެންނަށް ލަފާ ކުރެވޭ،" އިބްރާހީމް އިސްމާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސްކޫލުގެ އާ އިމާރާތް އެޅުމުގެ މަސައްކަތަށް ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ވާނެ ކަމަށެވެ.