ދަރުމަވަންތަ ސްކޫލުގެ ބާ އިމާރާތް ތަޅާލުމުގެ މަސައްކަތް އައިއެސްއެޗް މޯލްޑިވްސް އާ ހަވާލުކޮށްފި އެވެ.

އެކަމަށްޓަކައި މިއަދު ރަސްމިއްޔާތެއް ބާއްވާފައިވާއިރު، އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީނިއާ ޕޮލިސީ އެގްޒެކްޓިވް އިބްރާހީމް އިސްމާއިލް އަލީ އެވެ. އައިއެސްއެޗް މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފިޔާޒެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިބްރާހީމް އިސްމާއިލް ވިދާޅުވީ ދަރުމަވަންތަ ސްކޫލުގެ ބާ އިމާރާތް މިއަހަރު ނިމެންވާއިރަށް ތަޅާލައި އެތަން ސާފުކުރެވޭނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓު ލިބުމުން އާ އިމާރާތް އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރާނެ ކަމަށެވެ.

ދަރުމަވަންތަ ސްކޫލުގެ ބާ އިމާރާތް ތަޅާލުމަށް އައިއެސްއެޗާ ހަވާލުކޮށްފައިވަނީ ދެމަސްދުވަސްތެރޭގައި ނިންމާ ގޮތަށް 1.4 މިލިއަން ރުފިޔާއަށެވެ.

މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ދަރުމަވަންތަ ސްކޫލުގެ ބާ އިމާރާތުގެ ގޯތި ތެރޭގައި ހުރި ތިން އިމާރާތް ތަޅާލައި، އުކާލަން ޖެހޭތަކެތު އުކާލައި އަދި ރައްކާކުރަންޖެހޭ ތަކެތި ރައްކާތެރިކޮށް ބިންސާފު ކުރަން ޖެހެ އެވެ.