11 Oct 2016, 09:29
މުމްބާއީ (އޮކްޓޯބަރު 10): ދުނިޔޭގެ ގަދީމީ ދީންތަކުގެ ތެރޭގައި ހިމެނޭޖައިނިޒަމްދީނަށް ތަބާވާ އާއިލާއަކަށް ނިސްބަތްވާ 13 އަހަރުގެ އަންހެން ކުއްޖަކު 68 ދުވަސް ވަންދެން ރޯދައަށް ހުރުމުގެ ސަބަބުން މަރުވި ހާދިސާ އިންޑިއާ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ރިޕޯޓުތަކުގައިވާ ގޮތުން އަރުދާނާ ސަމްދަރިޔާ ނަމަކަށް ކިޔާ އެކުއްޖާ 68 ދުވަސް ވަންދެން ބޭނުން ކުރީ ހަމައެކަނި ހޫނުކޮށްފައިވާ ފެނެެވެ. އަދި މިދިޔަ ހަފްތާގައި އަރުދާނާ މަރުވީ ރޯދަ ހިފާ ނިންމިތާ ދެ ދުވަސް ފަހުންނެވެ.
އަރުދާނާގެ މަރާ ގުޅިގެން ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާއަކުން ވަނީ އޭނާގެ މައިންބަފައިންނާ ދެކޮޅަށް ފުލުހުންނަށް މައްސަލައެއް ހުށަހަޅައިފައެވެ. އަދި ފުލުހުން މިހާރު ދަނީ އަރުދާނާގެ މައިންބަފައިން ކަމަށްވާ ލަކްޝްމީ ޗާންދު އާއި މަންޝީ ސަމްދަރިޔާ ތަހުގީގު ކުރަމުންނެވެ.
ނަމަވެސް އަރުދާނާގެ މައިންބަފައިން ވަނީ އެމީހުންގެ ދީނުގައިވާ ގޮތުގެ މަތިން އަރުދާނާ ރޯދަ ހިފާފައި ވަނީ އަމިއްލައަށް ބޭނުންވެގެން ކަމަށް ބުނެފައެވެ.
"ރޯދަ ހިފަން އަރުދާނާ ހުއްދައަށް އެދުނު. އަދި 51 ދުވަސް ފަހުން ރޯދަ ހިފުން ހުއްޓާލަން އަޅުގަނޑުމެން ބުނިން. ނަމަވެސް އޭނާ ހުއްޓާނުލާ. އޭނާ ރޯދަ ހިފީ އަމިއްލައަށް ބޭނުންވެގެން. އެއްވެސް މީހަކު އޭނާއަށް މަޖުބޫރު ނުކުރޭ،" ސަމްދަރިޔާ ބުންޏެވެ.
ަނަމަވެސް ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ވަނީ އަރުދާނާގެ މައިންބަފައިންގެ ބަސް ދޮގުކޮށްފައެވެ.
"އަރުދާނާގެ ބައްޕައަށް ދީނީ ލަފާދޭ މީހަކު ވަނީ އަންހެން ދަރިފުޅު 68 ދުވަހަށް ރޯދަ ހިފުމުން އޭނާގެ ވިޔަފާރިއަށް ފައިދާ ވާނެ ކަމަށް ބުނެފަ. އެކުއްޖާއަށް ކޮންމެ ދުވަހަކު ދިނީ ހަމައެކަނި ފެން ތަށްޓެއް. އެއީ ލޮނު ނުވަތަ ލުނބޯ ފަދަ އެއްވެސް އެއްޗެއް ނާޅާ،" ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ އަޗްޔުތް ރާއޯ ބުންޏެވެ.
އަރުދާނާގެ މަރާ ގުޅިގެން އިންޑިއާގެ ގިނަ ރައްޔިތުން ވަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފައެވެ. (ބީބީސީ)