މާލޭގެ މަގުތަކުގެ ޕޭވްމަންޓުތައް މަތީގައި ހުންނަ ޑިސްޓްރިބިއުޝަން ފޮށިތައް ނެގުމަށް ހައުސިންގް މިނިސްޓްރީން ނިންމައިފިއެވެ.

ހައުސިންގް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މަގުމަތީގައި ޕޭވްމަންޓުތަކުގެ އެއްބައިގައި ޑިސްޓްރިބިއުޝަން ފޮށިތައް ހުރުމުން ހިނގާ މީހުން ހިނގުމަށް ޖާގަ ލިބުމުގައި ދަތިތައް ކުރިމަތިވާ ކަމަށެވެ.

"ވަރަށް ގިނަ މީހުންނަށް އުނދަގޫވޭ، ހަނިހަނި ޕޭވްމަންޓުތަކުގެ އެއްބައިގައި މި ޑިސްޓްރިބިއުޝަން ފޮށިތައް ހުރީމަ. ޕޭވްމަންޓުން ޖާގަ ނުލިބިގެން މަތުމަތީގައި ހިނގަން ޖެހެނީ. އެކަމަކު މަގުމަތީގައި ޕާކު ކޮށްފައި ހުންނާތީ އަނެއްކާ ދަތިތައް ކުރިމަތިވަނީ،"

މިނިސްޓަރު ވިދާޅުވީ އެހެންކަމުން، އެކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާ ކޮށްގެން އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން، މަގުތައް މަތިން ޑިސްޓްރިބިއުޝަން ފޮށިތައް ވަރަށް އަވަހަށް ނަގަން ފަށާނެ ކަމަށެވެ.

"އެންމެ އަވަހަށް ފެށުމަށް ގަސްދުކޮށްފައި އޮތްކަމަކީ މަގުމަތީގައި ހުރި ޑިސްޓްރިބިއުޝަން ފޮށިތައް ނެގުން. އެ އެއްޗެހި ނަގާފައި ފާރުގެ ތެރެއަށް، ނުވަތަ އާންމުންނަށް އުނދަގޫ ނުވާނެ އެހެން ސަރަހައްދަކަށް ބަދަލުކުރެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ދިރާގު އަދި ސްޓެލްކޯ ފަދަ، މިކަމާ ގުޅުންހުރި ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން މިކަމުގައި ލިބޭނެ ކަމަށެވެ.

ހައުސިންގް މިނިސްޓްރީން ވަނީ މާލޭގެ ބައެއް މަގުތައް މަރާމާތު ކުރުމުގެ މަސައްކަތެއް ވެސް ފަށައިފައެވެ. އެ މަސައްކަތުގެ ދަށުން މަގުތައް ރީސާފޭސްކޮށް، ކާނުތައް ބޮޑުކުރުމުގެ އިތުރުން، ޕޭވްމަންޓުގައި ފުންކޮށް ވަޅުލާފައި ހުރި ކޭބަލްތައް އުސް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިކަން ކުރުމުން، ކޭބަލް ޖަންކްޝަންގެ މަތިގަނޑު ހުންނާނީ ޕޭވްމަންޓުގައެވެ.