މި ހަފްތާގައި ރާއްޖެ ވަޑައިގަންނަވާ ތައިލެންޑުގެ ކޮމާސް މިނިސްޓަރު އަރިހުގައި، ތައިލެންޑުގެ އެކްސްޕޯޓު ވިޔަފާރީގައި ހަރަކާތްތެރިވާ 30 ވިޔަފާރިއެއް ހިމެނޭ ވަފުދެއް ރާއްޖެ އަންނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ތައިލެންޑުގެ ކޮމާސް މިނިސްޓަރު އަޕިރާދީ ޓަންޓްރަޕޯން ރާއްޖެ ވަޑައިގަންނަވަނީ މި ހަފްތާގެ ބުދަ ދުވަހުއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނާ ގޮތުގައި، ތައިލެންޑުގެ ކޮމާސް މިނިސްޓަރާ އެކު ރާއްޖެ އަންނަ ވިޔަފާރިވެރިންގެ ވަފުދު، ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރުމަށްޓަކައި، ބުރާސްފަތި ދުވަހު ދަރުބާރުގޭގައި ހަރަކާތެއް ބާއްވާނެއެވެ.

ދަރުބާރުގޭގެ ދޮށިމޭނާ މާލަމުގައި، ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން 12:00 އަށް، އަދި މެންދުރުފަހު 2:30 އިން ހަވީރު 5:00 އާ ހަމައަށް ކުރިޔަށްދާ މި ހަރަކާތުގައި، ތައިލެންޑުގެ ވިޔަފާރިވެރިން އެކްސްޕޯޓު ކުރާ ތަކެތި ދައްކާލުން އޮންނާނެއެވެ. އެގޮތުން ފަރުނީޗަރު، ގަހަނާ، ކާބޯތަކެތި، ސްޕާއަށް ބޭނުންކުރާ ތަކެތި އަދި ހޮޓެލް ސަޕްލައިޒް ފަދަ ތަކެތި އެތަނުން ދައްކާލާނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ތައިލެންޑުގެ ވިޔަފާރިވެރިންގެ ވަފުދުގެ ފަރާތްތަކާ ބައްދަލުކުރުމުގެ ފުރުސަތު ދިވެހި ވިޔަފާރިވެރީންނަށް އޮންނާނެ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ތައިލެންޑާ ތައިލެންޑުގެ ވިޔަފާރިވެރިންނާ އެކު ދިވެހި ވިޔަފާރިވެރިންގެ ރަނގަޅު ގުޅުމެއް އޮތުން. މި ޑެލިގޭޝަންގައި ތައިލެންޑުގެ ބޮޑެތި މެނުފެކްޗާ ކުންފުނިތަކެއް ބައިވެރިވުމަށް ހަމަޖެހިފައި އޮތުމާ އެކު އަޅުގަނޑުމެން ދަންނަވަން ހުރިހާ ވިޔަފާރިވެރިންނަށް ވެސް އެމީހުންނާ ބައްދަލުކުރުމުގެ ފުރުސަތު އޮންނާނެ،" އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު މިއަދު ވިދާޅުވިއެވެ.