10 Oct 2016, 21:38
ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފިއެވެ.
ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިރޭ މި ސިޓީގައި ބޭއްވި ކުލަގަދަ ހަފްލާގައެވެ. މި މަޝްރޫއަކީ ކުވައިތު ފަންޑުން 155 މިލިއަން ރުފިޔާއާއި ދިވެހި ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން 142 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ.
ޖުމްލަ 297 މިލިއަން ރުފިޔާގެ އަގު ހުރި މި މަޝްރޫއަކީ ރައީސް ޔާމީންގެ ސަރުކާރުން، ރަށެއްގައި ކުރިއަށް ގެންދާ އެންމެ ބޮޑު މަޝްރޫއެވެ.
މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ލަންކާގެ ކުންފުންޏެއް ކަމަށްވާ ސިއެރާ އާ އެވެ. ސިއެރާއިން މިހާރުވެސް ރާއްޖޭގެ ފަސް ރަށެއްގައި ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދެއެވެ.
މި ސިޓީގައި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމަށްޓަކައި، މި މަޝްރޫއުގެ ދަށުން ދެ ވެކިއުން ޕަމްޕް ސްޓޭޝަން ގާއިމް ކުރާނެ އެވެ. އަދި 29 ކިލޯ މީޓަރުގެ ވެކިއުމް ވިއުގަ އަކާއި 31 ކިލޯ މީޓަރުގެ ގްރެވިޓީ ވިއުގައެއް އަޅަންވެސް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން ރަށުގެ އެއްގަމު ތޮށިން ފެށިގެން 308 މީޓަރުގެ ދުރުމިނަށް އައުޓް ފްލޯ ހޮޅި އެޅުމާއި، ރަށަށް އެކަށީގެންވާ ޓްރީޓްމެންޓް ޕްލާންޓެއްވެސް، މި މަޝްރޫއުގެ ދަށުގައި ފުވައްމުލަކުގައި ގާއިމް ކުރެވިގެންދާނެއެވެ.
ސިއެރާ ކުންފުންޏާ ހަވާލުކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން މި ސިޓީގެ ފެނުގެ ނިޒާމު ގާއިމް ކުރުމަށް ދުވާލަކު 500 ޓަނުގެ ފެން އުފައްދާ ތިން ޕްލާންޓު ގާއިމްކޮށް، 38 ކިލޯ މީޓަރު ދިގުމިނުގެ ފެނުގެ ވިއުގައެއް ގާއިމްކުރުމަށް ހަމަޖައްސާފައިވެއެވެ. އަދި ގޭގެއަށް ފެން މީޓަރު ގުޅައިދިނުމުގެ އިތުރުން ފެން ރައްކާ ކުރާނެ ތާނގިއެއްވެސް މި މަޝްރޫއުގެ ދަށުން މި ސިޓީގައި ގާއިމް ކުރާނެ އެވެ.
މީގެ އިތުރުން ފުވައްމުލަކުގައި މި ދެ ނިޒާމުން ދޭ ޚިދުމަތުގެ އަގު ކުޑަ ކުރުމުގެ ގޮތުން މި ޕްލާންޓުތަކަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް 110 ކިލޯ ވޯޓުގެ ސޯލާ ނިޒާމެއް ގާއިމް ކުރުމަށްވެސް ވަނީ ހަމަޖައްސާފައެވެ.