ވޯލްޑް ކަޕް ކޮލިފައިންގައި ނެދަލޭންޑްސްއާ ދެކޮޅަށް ނުކުންނާނީ އެންމެ ޕޮއިންޓެއް ހޯދަން ނޫން ކަމަށް ފްރާންސްގެ ކޯޗު ޑިޑިއާ ޑިޝޯމްޕްސް ބުނެފި އެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަން ޔޫރަޕް ބައްރުގެ 'ގްރޫޕް އޭ'ގެ ކުރީގައި އޮތް ފްރާންސް އާއި ނެދަލޭންޑްސްގެ އިތުރުން ސްވިޑަނުން ވެސް ވަނީ ހަތަރު ޕޮއިންޓް ހޯދައިފައެވެ.

ނެދަލެންޑްސްގެ އެމްސްޓެޑަމްގައި މިރޭ ކުޅޭ މެޗަކީ ގްރޫޕްގެ އެއް ވަނަ ހޯދައި، މުބާރާތުގެ އޮޓޮމެޓިކް ޖާގައެއް ހޯދުމަށް ނެދަލެންޑްސް އާއި ފްރާންސަށް ވެސް މުހިންމު މެޗެކެވެ.

"އަހަރެން މެޗަކަށް ޓީމު ތައްޔާރު ކުރާ އިރު، އެންމެ ފުރަތަމަ އަމާޒަކީ މޮޅެއް ހޯދުން. އަހަރެމެން މެޗަށް ނުކުންނާނީ އެންމެ ރަނގަޅު ކުޅުން ދައްކައި މޮޅުވުމަށް. މެޗުން އެއްވަރުވެއްޖެ ނަމަ، އެކަން ވެސް އަހަރެމެން ބަލައިގަންނާނަން،" ނޫސްވެރިންނަށް މައުލޫމާތުދެމުން ފްރާންސްގެ ކޯޗު ޑިޝޯމްޕްސް ބުންޏެވެ.

ޑިޝޯމްޕްސް ބުނީ، މެޗު ނިމޭނެ ގޮތެއް އެކަކަށް ވެސް ނޭނގޭނެ ކަމަށާއި މެޗު ފަށާނީ ބަލިނުވުމުގެ އަޒުމުގައި ކަަމަށެވެ. އަދި ފްރާންސަށް މެޗުން ތިން ޕޮއިންޓް ވަރަށް މުހިންމު ކަމަށް ވެސް އޭނާ ބުންޏެވެ.

ރަށުން ބޭރުގައި މިރޭ ނެދަލެންޑްސްއާ ދެކޮޅަށް ފްރާންސް ނުކުންނާނީ ރާއްޖޭގަޑިން މިރޭ 11:45ގައެވެ.