މާލޭގައި އުޅަނދުފަހަރު ޕާކު ކުރާނެ ސަރަހައްދުގެ ދަތިކަމަށް ހައްލެއް ގެނައުމަށްޓަކައި، މާލޭގައި އިންސްޓޯލް ކުރުމަށް ނިންމާފައިވާ މެކޭނިކަލް ޕާކިންގް ސިސްޓަމްތަކުގެ ތެރެއިން ފުރަތަމަ ޕާކިންގް ސިސްޓަމް، އަންނަ ނޮވެމްބަރު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި މާލެ ގެނެވޭނެ ކަމަށް ހައުސިންގް މިނިސްޓަރު ވިދާޅުވެއްޖެއެވެ.

މާލޭގައި މެކޭނިކަލް ޕާކިންގް ސިސްޓަމްތަކެއް އިންސްޓޯލު ކުރުމަށް ހަވާލުކޮށްފައިވަނީ އެސްޓީއޯއަށެވެ. އެސްޓީއޯއިން މާލޭގައި، ކާރު ޕާކު ކުރާ 10 މެކޭނިކަލް ސިސްޓަމާއި ސައިކަލު ޕާކު ކުރާ 10 ސިސްޓަމް ގާއިމު ކުރާ އިރު، ކޮންމެ ކާރު ސިސްޓަމެއްގައި 10 ކާރު، އަދި ސައިކަލު ސިސްޓަމެއްގައި 100 ސައިކަލު ޕާކު ކުރެވޭނެއެވެ.

މީޑިއާއާ ބައްދަލުކުރައްވައި، މައުލޫމާތު ދެއްވަމުން ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ، އޭގެ ތެރެއިން ގެންނަ ފުރަތަމަ ސިސްޓަމް އަންނަ ނޮވެމްބަރު މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ރާއްޖެ ގެނެވޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ފުރަތަމަ ސިސްޓަމަކީ ކާރު ސިސްޓަމެއް ކަމަށާއި، އެ ސިސްޓަމް އިންސްޓޯލް ކުރާނީ ވެލާނާގެ ސަރަހައްދުގައި ކަމަށެވެ.

"މި ސިސްޓަމް ބެހެއްޓުމުން އެ ސަރަހައްދަށް ކޮންމެސް ވަރެއްގެ ލުޔެއް ލިބިގެން ދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ހައުސިންގް މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު -- ސަން ފޮޓޯ/ފަޔާޒު މޫސާ

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ނޮވެމްބަރުން ފެށިގެން ކޮންމެ މަހަކުވެސް ދެ ސިސްޓަމް ވަރު ގެންނަމުން ދާނެ ކަމަށާއި، އަންނަ އަހަރުގެ މާޗު މަސް ނިމުމުގެ ކުރިން ހުރިހާ ޕާކިންގް ސިސްޓަމެއް މާލެ ގެނެވޭނެ ކަމަށެވެ.

އަދި މި ސިސްޓަމްތަކާ ގުޅޭ ގަވައިދު ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޕާކިންގް ސިސްޓަމްތައް ގާއިމުކުރާނެ ސަރަހައްދުތައް ހައުސިންގް މިނިސްޓްރީން މިހާރު ކަނޑައަޅާފައިވާ އިރު، އެސަރަހައްދުތައް ފަހުން ހިއްސާ ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.