އޮޑިޓް ރިޕޯޓުގެ މަސައްކަތްތައް އަވަސް ކުރުމަށް ދައުލަތުގެ 60 މުވައްޒަފަކު ތަމްރީނު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މާލިއްޔަތު ގާނޫނު ބުނާގޮތުން ކޮންމެ އަހަރެއްގެ މޭ މަސް ނިމުމުގެ ކުރިން ވޭތުވެދިޔަ އަހަރުގެ ދައުލަތުގެ މުއައްސަސާތަކުގެ އޮޑިޓް ރިޕޯޓްތައް ނެރެންޖެހޭނެއެވެ. ނަމަވެސް އެ މުއްދަތަށް އެމަސައްކަތް ނުނިމެއެވެ. އެތައް ޒަމާނެއްވާއިރު ވޭތުވެދިޔަ އަހަރު ތަކުގެ އޮޑިޓް ރިޕޯޓް ނުނެރެވި ހުރެއެވެ.

އޮޑިޓް އޮފީހުން މިއަދު ބުނީ، ދައުލަތުގެ މުއައްސަސާތަކުގައި މަސައްކަތްކުރާ 60 މުވައްޒަފަކަށް މިއަދާއި މާދަމާ ކުރިއަށްގެންދާ ތަމްރީނުގެ ސަބަބުން އޮޑިޓް މަސައްކަތްތައް ހަލުވިކޮށް ކުރިޔަށް ގެންގޮސް ކަނޑައަޅާ މުއްދަތުގައި ނިންމުމަށް މަގުފަހި ކުރެވޭނެ ކަމަށެވެ. އިޕްސާސް ކޭޝް ބޭސިސްއަށް މާލީބަޔާން ތައްޔާރުކުރުމާބެހޭ މައުލޫމާތު ދެވޭނެ ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ.

އެ ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައިނޭންޝަލް ކޮންޓްރޯލާ ފާތުމަތު ރަޒީނާ ވިދާޅުވީ، އިޕްސާސް ކޭޝްބޭސިސްއަށް އަހުލުވެރިވުމަށް ވޯކްޝޮޕުން ލިބިގެންދާ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފަންޖެހޭ ކަމަށެވެ.