10 Oct 2016, 12:11
އިސްލާމިކް މިނިސްޓްރީއަށް ޕާމަނަންޓް ސެކްރެޓަރީއެއް ހޯދަން އިއުލާނުކޮށްފި އެވެ.
ސިވިލް ސާވިސް ކޮމިޝަނުން، ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކުރި އިއުލާނެއްގައި ބުނީ އެ މަގާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުސަތު އާންމުކޮށް ހުޅުވާލައި ކަމަށެވެ.
ސިވިލް ސާވިސް ކޮމިޝަނުން މިއަދު ކުރި އިއުލާނުގައި ބުނީ އެ ކޮމިޝަނުން އެކުލަވައިލާ އުސޫލެއްގެދަށުން، އެ މަގާމަށް ހޮވޭ ފަރާތް، މަގާމުގެ މުއްދަތުގައި އެއް އޮފީހުން އަނެއް އޮފީހަށް ދައުރުކުރުމުގެ އިހުތިޔާރު އެ ކޮމިޝަނަށް ލިބިގެންވާ ކަމަށެވެ.
އެ ކޮމިޝަނުން ބުނީ، ޕީއެސްގެ މަސްއޫލިއްޔަތާއި ޒިންމާއާއި ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ކުރިމަތިލައްވާ ފަރާތުގެ ޝަރުތާއި، ޝޯޓްލިސްޓް ކުރުމާއި، މަގާމަށް މީހަކު ހޮވުމާއި އައްޔަނުކުރުމުގެ ކްރައިޓީރިއާ އެ ކޮމިޝަނުގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށެވެ.
އެ މަގާމަށް ކުރިމަތިލައްވާ ފަރާތަކީ މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ ޕާމަނަންޓް ސެކްރެޓަރީގެ ވަޒީފާއަށް ކުރިމަތިލާ މިނިސްޓްރީގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 7 ގެ ސަނަދެއް ހާސިލުކުރައްވާފައިވާ ފަރާތަކަށްވާންޖެހެ އެވެ.
ސިވިލް ސާވިސް ކޮމިޝަނުން ބުނީ، އެ މަގާމަށް ކުރިމަތިލައްވާ ފަރާތަކީ ސަރުކާރުގައި، ނުވަތަ ޕަބްލިކް، ޕްރައިވެޓް ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގުވާމީ ފެންވަރުގެ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން ދެ އަހަރުދުވަހު މަސައްކަތްކުރައްވައި، ތަޖުރިބާ ހުރި ފަރާތަކަށްވާންޖެހޭނެ ކަމަށެވެ.
މުސާރައިގެ ގޮތުގައި މަހަކު 20،500 ރުފިޔާ ލިބޭ އެ މަގާމަށް ހޮވޭ ފަރާތަކަށް ލިވިން އެލެވަންސެއްގެ ގޮތުގައި މަހަކު 15،000 ރުފިޔާ ލިބޭނެ އެވެ.
ސިވިލް ސާވިސް ކޮމިޝަނުން ބުނީ އިސްލާމިކް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް ކުރިމަތިލައްވަން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 20ވަނަ ދުވަހުގެ މެންދުރު 2:00ގެ ކުރިން އެ ކޮމިޝަނުގެ އިދާރާއަށް ހުށަހެޅުއްވުން އެދޭ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް މީހަކު ހޯދަން ސިވިލް ސާވިސް ކޮމިޝަނުން އިއުލާނުކޮށްފައިވާއިރު ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ވަނީ ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހެއް ހުށަހަޅާފައެވެ. އަދި ރައީސް އަބްދުﷲ ޔާމީން ވަނީ އެ އިސްލާހު ތަސްދީގުވެސް ކުރައްވާފައެވެ.
މަޖިލީހުން ފާސްކޮށް ރައީސް ޔާމީން ތަސްދީގުކުރެއްވި އިސްލާހުގައި ބުނެފައި ވަނީ ސަރުކާރުގެ ވުޒާރާތަކަށް ޕާމަނަންޓް ސެކެޓްރީ (ޕީއެސް)ގެ މަގާމަށް މީހުން އައްޔަން ކުރާއިރު އެ މިނިސްޓްރީއެއް ހިންގުމާއި ހަވާލުވެ ހުންނެވި މިނިސްޓަރެއްގެ ލަފާ ހޯދަން ޖެހޭނެ ކަމަށެވެ.
މަޖިލީހުން ފާސްކުރި އެ އިސްލާާހުގައި ބުނެފައި ވަނީ، ޕާމަނަންޓް ސެކްރެޓަރީގެ ޒިންމާއަކީ އޭނާ ވަޒީފާ އަދާކުރާ މިނިސްޓްރީގެ މިނިސްޓަރުގެ ދަށުން މިނިސްޓަރުގެ ލަފައާއި އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތީން އެ މިނިސްޓްރީއެއް ހިންގައި ބެލެހެއްޓުމާއި އެ މިނިސްޓްރީއެއްގެ މަސައްކަތްތަކާ ގުޅޭ ގޮތުން މިނިސްޓަރަށް، މިނިސްޓަރު ބޭނުންވެއްޖެ ހިނދެއްގައި ލަފާދީ އެހީތެރިވެދިނުން ކަމަށެވެ.
ސިވިލް ސާވިސް ގާނޫނުގައި ކުރިން ބުނެފައި ވަނީ ޕީއެސްގެ މަގާމަށް މީހުން އައްޔަން ކުރާނީ ސިވިލް ސާވިސް ކޮމިޝަނުން ކަމަށެވެ. އަދި ޕީއެސްގެ ޒިންމާއެއް ކަމަށް ކުރިން ބުނެފައި ވަނީ ޕާމަނަންޓް ސެކްރެޓަރީގެ ޒިންމާއަކީ، އޭނާ ވަޒީފާ އަދާކުރާ މިނިސްޓްރީގެ މިނިސްޓަރުގެ ދަށުން އެ މިނިސްޓްރީއެއް ހިންގައި ބެލެހެއްޓުމާއި އެ މިނިސްޓްރީއެއްގެ މަސައްކަތަކާ ގުޅޭ ގޮތުން މިނިސްޓަރަށް ލަފާދީ އެހީތެރިވެ ދިނުން ކަމަށެވެ.