10 Oct 2016, 12:00
ބެޓެރީގައި އަލިފާން ރޯވާ މައްސަލަ ދިމާވެފއިވާ ސެމްސަންގް ގެލެކްސީ ނޯޓު 7 ފޯނު އުފެއްދުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.
ސެމްސަންގުން ވަނީ މީގެ މަހެއްހާ ދުވަސް ކުރިން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިއްކާފައިވާ އެ ފޯނުތައް ސެމްސަންގަށް އަނބުރާ ހޯދުމަށް، ފޯނު އަލުން ބާޒާރަށް ނެރެ، ވިއްކުން ފަސްކޮށްފައެވެ.
ނޯޓް 7 އުފެއްދުން ވަގުތީ ގޮތުން ހުއްޓާލާފައި މިވަނީ ބެޓެރީގައި އަލިފާން ރޯވާ މައްސަލަ ދިމާވާތީ، ކަސްޓަމަރުންނަށް ބަދަލެއްގެ ގޮތުގައި ދިން ޑިވައިސްތަކުގެ ބެޓެރި ގޮވާކަމުގެ ރިޕޯޓުތައް ލިބުމާ ގުޅިގެން ކަމަށް ޚަބަރުތައް ބުނެ އެވެ.
ސެމްސަންގް ގެލެކްސީ ނޯޓު 7 ގެ ބެޓެރީ ދޮން ބޮޑުވެ، އޭގައި އަލިފާން ރޯވާ މައްސަލަ ދިމާވާން ފެށުމުން ސެމްސަންގުން ވަނީ އެ ފޯނު ބޭނުންކުރުން ހުއްޓާލަން އަންގައި، އޭގެ ބަދަލު ކަސްޓަމަރުންނަށް ދޭން ނިންމައިފައެވެ. އެކަން ސެމްސަންގުން އަދިވެސް ދަނީ ކުރަމުންނެވެ.
ވިއްކުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދޫކޮށްފައިވާ 2.5 މިލިޔަން ފޯނު ސެމްސަންގުން އަނބުރާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ސެމްސަންގުން މީގެ ކުރިން ބުނެފައިވަނީ މި ފޯނުގައި ހުރި މައްސަލަތައް ހައްލު ކުރުމަށްފަހު އަލުން ބާޒާރަށް ނެރޭނެ ކަމަށެވެ. ނަމަވެސް ފޯނު އުފެއްދުން ހުއްޓާލުމުން ދެން އަލުން ފޯނު ބާޒާރަށް ނެރޭނެ ދުވަހެއް ނޭނގެ އެވެ.
ދެކުނު ކޮރެއާގައި އެކަނި ވެސް 200،000 ކަސްޓަމަރުން އެމީހުންގެ ފޯނު އަނބުރާ ސެމްސަންގްއަށް ދީފައިވާ އިރު، އަދިވެސް 200،000 ވަރަކަށް ކަސްޓަމަރުން ސެމްސަންގްއަށް ފޯނު ރައްދުކޮށްދީފައި ނުވާކަމަށް ސެމްސަންގުން ބުނެ އެވެ.
މި ފޯނުގައި އަލިފާން ރޯވާތީ، އެ ފޯނު ގިނަ އެއާލައިންތަކުގެ ފްލައިޓުތަކުގައި ބޭނުންކުރުން ވަނީ މަނާކޮށްފައެވެ.
ސެމްސަންގެ އެންމެ ފަހުގެ އުފެއްދުން ކަމުގައިވާ ނޯޓް 7 ގައި މައްސަލަ ދިމާވި ނަމަވެސް އަހަރުގެ ތިން ވަނަ ކުއާޓަރުގައި އެކުންފުނީގެ ފައިދާ މަތިވާނެ ކަމަށް އެކުންފުނިން ވަނީ ލަފާކޮށްފައެވެ.
ތިން ވަނަ ކުއާޓަރުގައި ފައިދާ ވާނެ ކަމަށް ސެމްސަންގުން ބުނެފައިވީ ނަމަވެސް ބައެއް ފަރާތްތަކުން ބުނެފައިވަނީ ނޯޓް 7 އަށް ދިމާވި މައްސަލައިގެ ސަބަބުން އެކުންފުންޏަށް ވަރަށް ބޮޑު ގެއްލުމެއް ވާނެ ކަމަށެވެ.