އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާސް ލިސްޓު، އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކޮށްފި އެވެ.

އިލެކްޝަނުން މިއަދު އާންމުކުރި ލިސްޓު ގެޒެޓުގެ އިތުރުން އެ ކޮމިޝަނުގެ ވެބްސައިޓާއި، ރަށު ކައުންސިލުތަކުގެ އިދާރާއިން އާންމުކޮށް ފެންނަން ހުންނާނެ އެވެ.

އިލެކްޝަނުން ބުނީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިއްޔެއިން ފެށިގެން އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ.

ޝަކުވާ ހުށަހަޅާނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00ން މެންދުރު 2:00އަށެވެ. އަދި ހުކުރު ދުވަހުގެ މެންދުރުފަހު 2:30ން ހަވީރު 5:00ށް ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަނުން ވަނީ ހުޅުވާލައިފައެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނެވެ. މާލޭގައިނަމަ އިލެކްޝަންސް ކޮމިޝަންގެ އިދާރާއިން ޝަކުވާ ބަލައިގަންނަ ގޮތަށް ހަމަޖައްސާފައިވާއިރު ޝަކުވާ ފޯމް، ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށް ވެސް އިލެކްޝަނުން ބުންޏެވެ.

މިފަހަރު ޖުމުލަ 259 ކައުންސިލަކުން 651 ކައުންސިލަރުން ހޮވުމަށް ވަނީ ނިންމާފައެވެ. އޭގެތެރޭގައި 179 ރަށު ކައުންސިލުން 561 ކައުންސިލަރުން އަދި 19 އަތޮޅު ކައުންސިލުން 57 ކައުންސިލަރުން ހޮވުމަށް ވަނީ ނިންމާފައެވެ. ފުވައްމުލަކާއެކު ތިން ސިޓީ ކައުންސިލަކުން 23 ކައުންސިލަރުން ހޮވުމަށްވެސް ވަނީ ނިންމާފައެވެ.

ރައްޔިތުންގެ މަޖިލީހުން ދާދިފަހުން ވަނީ ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގެ ގާނޫނަށް އިސްލާހެއް ގެނެސްފައެވެ. އަދި އެ އިސްލާހު ރައީސް އަބްދުﷲ ޔާމީން ވަނީ ތަސްދީގުވެސް ކުރައްވާފައެވެ.

މަޖިލީހުން ފާސްކުރި އިސްލާހުގައި ބުނެފައި ވަނީ ރަޖިސްޓްރީވެފައިވާ އާބާދީގެ 3000 މީހުންނަށް ވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބު ކުރާނީ ތިން މެމްބަރުން ކަމަށެވެ. ރަޖިސްޓްރީވެފައިވާ އާބާދީގެ 3000 މީހުންނަށް ވުރެ ގިނަ މީހުންގެ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގައި ރަށު ކައުންސިލަށް އިންތިހާބު ކުރާނީ ފަސް މެމްބަރުން ކަމަށެވެ.

ގާނޫނުގައި ކުރިން ބުނެފައި ވަނީ އާބާދީގައި 3000 މީހުންނަށް ވުރެ މަދު އާބާދީއެއް އޮންނަ ރަށު ކައުންސިލުތަކަށް ފަސް މެމްބަރުން މަދުވެގެން އައްޔަން ކުރަންވާނެ ކަމަށެވެ.

މަޖިލީހުން ފާސްކުރި އިސްލާހުގައި ބުނީ ރަޖިސްޓްރީވެފައިވާ އާބާދީގެ 10،000 މީހުންނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބު ކުރާނީ ނުވަ މެމްބަރުން ކަމަށެވެ. ނަމަވެސް ފުވައްމުލަކުގެ ކޮންމެ އަވަށެއްގައި ހިމެނޭ ރަށު ކައުންސިލަށް އިންތިހާބު ކުރާނީ ތިން މެމްބަރުން ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ.

މަޖިލީހުން ފާސްކޮށް ރައީސް ޔާމީން ތަސްދީގު ކުރެއްވި އެ އިސްލާހުގައި ބުނީ ރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި އެ އިދާރީ ދާއިރާއަކުން އަތޮޅު ކައުންސިލަށް މެމްބަރުން އިންތިހާބުކުރާއިރު ދެ އިންތިހާބީ ދާއިރާއަކަށްވުރެ ގިނަ އިންތިހާބީ ދާއިރާ ހިމެނޭ އިދާރީ ދާއިރާތަކުން އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލަށް އިންތިހާބު ކުރާނީ ކޮންމެ އިންތިހާބީ ދާއިރާއަކުން އެއް މެމްބަރު ކަމަށެވެ.

އަދި ދެ އިންތިހާބީ ދާއިރާ ހިމެނޭ އިދާރީތަކުން އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލަށް އިންތިހާބު ކުރާނީ މުޅި އަތޮޅުން އިންތިހާބުކުރެވޭ ތިން މެމްބަރުން ކަމަށެވެ.