10 Oct 2016, 11:52
ޗައިނީސް އެކަޑަމީ އޮފް ގަވަރނަންސްއާ ދިވިހެ ސިވިލް ސަރވިސް އިންސްޓިޓިއުޓު ގުޅިގެން ބާއްވާ، "އެގްޒެކްޓިވް ޓްރެއިނިން ޕްރޮގްރާމް ފޯ މޯލްޑިވްސް ސިވިލް ސަރވަންޓްސް" ތަމްރީން ޕްރޮގްރާމް ފަށައިފިއެވެ.
މިއަދުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ ޕްރޮގްރާމް ރަސްމީކޮށް ފަށާފައިވަނީ މިއަދު ހެނދުނު ސިވިލް ސާވިސް ޓްރެއިނިން އިންސިޓިޓިއުޓްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ޕްރޮގްރާމް ފެއްޓެވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވީ، ޗައިނާ ފަދަ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ސިވިލް ސާވެންޓް އިދާރާއަކުން އޭޝިއާގެ އެންމެ ކުޑަ ގައުމުގެ ސިވިލް ސާވެންޓުންނަށް އެ ފަދަ ތަމްރީނު ޕްރޮގްރާމެއް ހިންގުމަކީ ފަހުރުވެރިވާ ކަމެއް ކަމަށެވެ.
"އަޅުގަނޑު ވަރަށް ބޮޑަށް މަރުހަބާ ދަންނަވަން ޗައިނާގެ މި ޓީމް، ރާއްޖޭގައި ހުނަރާއި އިތުރު ތަމްރީންތަކަށް ބޭނުންވެފައިވާ ސިވިލް ސާވެންޓުންނަށް އެއްޗެއް އުނގަންނައިދޭން އަޔަތީ. މި ޕްރޮގްރާމް ވެގެންދާނީ ވަރަށް ވެސް ބޭނުންތެރި އިވެންޓަކަށް،" ޑރ. އަލީ ޝަމީމް ވިދާޅުވިއެވެ.
ޑރ. ޝަމީމް ވިދާޅުވީ، މި ވޭތުވެތިދަ މުއްދަތުގައި ދިވެހި ސިވިލް ސާވަންޓުންގެ ހުނަރު ތަރައްގީ ކުރުމަށް އެންމެ ބޮޑު އެހީތެރިކަމަކާ އެއްބާރުލުމެއް ލިބުނު އެއް ގައުމަކީ ޗައިނާ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވަން ފޫކަން ވިދާޅުވީ، މީގެ 44 އަހަރު ކުރިން ފެށިގެންވެސް ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށާއި އެ ގުޅުން ބަދަހިކޮށް ދެމެހެއްޓުމަށް ވަރަށް ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންދާ ކަމަށެވެ.
ރާއްޖޭގެ ހުރިހާ ސިވިލް ސާވަންޓުންނަށް އަމާޒްކޮށްގެން ކުރިއަށް ގެންދާ އެ ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ މައިގަޑު ތިން ބަޔަކަށް ބަހާލައިގެންނެވެ.
ފުރުތަމަ ބައިގައި ހިމެނެނީ ޕާސަނަލް ސެކްރެޓަރީންނާއި ޑިރެކްޓަރު ޖެނަރަލުންނެވެ. ދެވަނަ ބައިގައި ތަމްރީން ދިނުމަށް ހަމަޖެހިފައިވަނީ މެނޭޖަރުންނާއި މެދު ފަންތީގެ މުވައްޒަފުންނަށެވެ. އަދި ތިން ވަނަ ބައިގައި ތަމްރީންތައް ކުރިއަށްދާނީ ހުރިހާ ފަންތިއެއްގެ ސިވިލް ސާވަންޓުންނަށް ވެސް އަމާޒްކޮށްގެންނެވެ.