10 Oct 2016, 11:01
ބެންކޮކް(އޮކްޓޯބަރ 10): ތައިލެންޑުގެ ރަސްގެފާނު ބުމިބޯލް އަދުލްޔަދެޖްގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށް ފަހު، ސިއްހީ ހާލުކޮޅު ހަމައަކަށް ނޭޅޭ ކަމަށް ރަސްގެފާނުގެ ގަނޑުވަރުގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
ތައިލޭންޑުގެ ރޯޔަލް ހައުސްހޯލްޑު ބިއުރޯން އިއްޔެ ނެރުނު ބަޔާނެއްގައިވާ ގޮތުން ހޮޮނިހިރު ދުވަހު ރަސްގެފާނު ހީމޯޑައިލެސިސް ހެއްދެވި ފަހުން ރަސްގެފާނުގެ ލޭގެ ޕްރެޝަރު ވަރަށް ބޮޑަށް ދަށްވި އެވެ. އަދި ލޭގެ ޕްރެޝަރު ހުންނަންވާ ލެވެލްއަށް މަތި ކުރުމަށްޓަކައި ރަސްގެފާނަށް ވަނީ ބޭސްދީ، ވެންޓިލޭޓަރަކާ ގުޅާފައެވެ. ހީމޯޑައިލެސިސް އަކީ ކިޑްނީ ފެއިލް ވުމުންދޭ ފަރުވާ އެކެވެ.
ބެންކޮކްގެ ސިސީރާޖް ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ބުމިބޯލްގެ ހާލުކޮޅު ޑޮކްޓަރުން ވަރަށް ގާތުން ބަލަމުންދާ ކަމަށް އޮފިޝަލުން ބުނެ އެވެ.
އުމުރުފުޅުން 88 އަހަރުގެ ރަސްގެފާނު ބުމިބޯލް މިދިޔަ އަހަރުގެ ބޮޑުބައި ހޭދަ ކުރެއްވީ ތަފާތު އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމުގައި ހޮސްޕިޓަލުގައެވެ. މިމަހުގެ ކުރީކޮޅު ރޯޔަލް ހައުސްހޯލްޑް ބިއުރޯން ނެރުނު ބަޔާނެއްގައިވާ ގޮތުން ރަސްގެފާނު ވަނީ ނޭވާލާ ނިޒާމުގެ ބައްޔަކަށް ފަރުވާ ހޯއްދަވާފައެވެ.
ބުމިބޯލް ރަސްގެފާނަކީ ދުނިޔޭގައި މިހާރު ތިއްބެވި ރަސްރަސްކަލުންގެ ތެރެއިން އެންމެ ގިނަދުވަހު ތަޚްތުގައި ރެދަލިކުރެއްވި ރަސްގެފާނު ކަމަށްވެ އެވެ. އޭނާ ތައިލެންޑްގެ ރަސްކަމަށް އިސްވެ ވަޑައިގެންފައި ވަނީ 1946ގައެވެ. (ބީބީސީ)