10 Oct 2016, 09:48
މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި ރާކޭޝް އޯމް ޕްރަކާޝްގެ ފިލްމު "މިރްޒިޔާ"ގެ ވިޔަފާރި ދަށަށް ދާންފަށައިފި އެވެ.
"މިރްޒިޔާ"އަކީ އަނިލް ކަޕޫރުގެ ފިރިހެން ދަރިފުޅު ހަރްޝްވަރްދަން ކަޕޫރުގެ ފުރަތަމަ ފިލްމެވެ. ހަރްޝްވަރްދަން އާއެކު އެ ފިލްމުގައި ދެން ހަރަކާތްތެރި ވަނީ ސިޔާމީ ޚޭރް އެވެ.
ބޮޑު ކާމިޔާބެއް ހޯދާނެ ކަމަށް ބެލެވުނު "މިރްޒިޔާ" ރިލީޒްކުރި ދުވަހު ވެސް އެ ފިލްމަށް ލިބުނީ އެންމެ 2.20 ކުރޯޑް ރުޕީޒް އެވެ. އެއާއެކު ޓްރޭޑް އެނަލިސްޓުންނަށް ވެސް ވަނީ ހައިރާން ކަމެއް ލިބިފައެވެ.
ފުރަތަމަ ދުވަހުގެ ވިޔަފާރި ދަށް ނަމަވެސް، ފިލްމުގެ ވިޔަފާރި ރަނގަޅު ވާނެ ކަމަށް އުންމީދު ކުރެވުނެވެ. ނަމަވެސް ދެވަނަ ދުވަހު ވެސް ފިލްމަށް ވަނީ އެދެވޭ ތަރުހީބެއް ނުލިބިފައެވެ.
ދެވަނަ ދުވަހު ފިލްމަށް ލިބިފައި ވަނީ 2.10 ކުރޯޑު ރުޕީޒްއެވެ. އެއީ ފުރަތަމަ ދުވަހަށް ވުރެ ދަށް އަދަދެކެވެ.
އެއާއެކު، ފިލްމަށް ހޭދަކުރި 40 ކުރޯޑު ރުޕީޒް އަނބުރާ ލިބި، ފައިދާ ޖެހޭނެ ކަމާމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.