10 Oct 2016, 09:39
ސިޔާސީ އިސް ފަރާތްތަައް ބަންދުކުރުމަށް ހާއްސަކޮށްފައިވާ، ކ. ހިންމަފުށީ އައްސޭރި ޖަލުގެ މަސައްކަތް ވަނީ ހުއްޓިފައިކަމަށް ކަރެކްޝަން ސާވިސްއިން ބުނެފިއެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނާއި ކާނަލް މުހައްމަދު ނާޒިމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ މީގެ ހަތް ވަރަކަށް މަސް ކުރިން ފެށިގެން ގޭ ބަންދަށް ބަދަލުކުރީ އެޖަލު ހެދުމަށެވެ.
ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެޖަލުގެ މަސައްކަތް ނިމޭނެ ކަމަށް އޭރު ބުނި ނަމަވެސް މިއަދާ ހަމައަށްވެސް އެ މަސައްކަތް ނިމިފައެއްނުވެއެވެ.
ކަރެންޝަންގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގްމާން މިއަދު ސަންއަށް ވިދާޅުވީ، ބޭނުންވާ ތަކެތި ނުލިބިގެން އެ ޖަލުގެ މަސައްކަތް ހުއްޓިފައިވާ ކަމަށެވެ.
ނުލިބި ވަނީ ކޮންތަކެއްޗެއް ކަމެއް އަދި ނުކުރެވި ވަނީ ކޮން މަސައްކަތެއްކަމެއް ހާމައެއްނުކުރެއެވެ.
މަސައްކަތް އަނބުރާ ފެށޭނެ ދުވަހެއް އަދި މަސައްކަތް ނިންމާލެވޭނެ ދުވަހެއް ބުނަން ނޭނގޭ ކަމަށްވެސް ލުގްމާން ވިދާޅުވިއެވެ.