10 Oct 2016, 09:23
ސެންޓް ލުއިސް(އޮކްޓޯބަރ 10): އެމެރިކާގެ ރިޔާސީ ރޭހުގައި ވާދަކުރައްވާ ހަރުކަށި ލީޑަރު ޑޮނަލްޑް ޓްރަމްޕް އޭނާގެ ވާދަވެރިޔާ ހިލަރީ ކްލިންޓަން ޖަލަށްލާނެ ކަމުގެ އިންޒާރު ދެއްވައި ހިލަރީއަށް ބިރު ދައްކަވައިފިއެވެ.
އެމެރިކާގެ ސިޓީއެއްކަމަށްވާ ސެންޓް ލުއިސްގައި ބޭއްވި އިންތިޚާބީ ބަހުޘެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އޭނާއަށް އެމެރިކާގެ ވެރިކަން ލިބިއްޖެނަމަ ހިލަރީ ކްލިންޓަން ޖަލަށް ލައްވާނެ ކަމަށެވެ. ހިލަރީ ޖަލަށްލާނީ އެމެރިކާގެ ގައުމީ ސަލާމަތާބެހޭ ކަންކަމުގައި އޭނާގެ އަމިއްލަ އީ މެއިލް ބޭނުންކުރެއްވި މައްސަލާގައި ކަމަށާއި އެމައްސަލަ ރަނގަނޅަށް ތަހުގީގްކޮށްފިނަމަ އެމެރިކާގެ ގައުމީ ސަލާމަތް ނުރައްކަލުގެ ތެރެއަށް ވައްޓާލިކަމުގެ ކުށް ހިލަރީގެ މައްޗަށް ސާބިތުވެ އޭނާއަށް ޖަލު ހުކުމެއް އަންނާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ހިލަރީއާ ދެކޮޅަށް މިހާރު ހަރުކަށިކޮށް ބިރުދައްކަވައި ޓްރަމްޕް ވާހަކަ ދައްކަވާފައި މިވަނީ ޓްރަމްޕް އަންހެނުންނާ ދެކޮޅަށް 2005 ވަނަ އަހަރު ދެއްކެވި ވާހަކަތަކެއް ބޭޒާރުވުމާއެކު އޭނާ ހޫނު ފެނަށް ވެއްޓިފައިވާ ދަނޑިވަޅެއްގައެވެ. 2005 ވަނަ ދެއްކެވި ވާހަކަ ތަކެއްގައި ޓްރަމްޕްވަނީ އަންހެނުންނާ ފޮށުމާއި ގޯނާކުރުމަކީ މައްސަލައެއްނޫންކަމަށް ވިދާޅުވެ އަންހެން ޖިންސްގެ ގަދަރާއި ކަރާމާތަށް އުނިކަން އަންނަ ގޮތަށް ވާހަކަ ދައްކަވާފައެވެ. މިމައްސަލާގައި ޓްރަމްޕްގެ އަނބިކަނބަލުންވެސް ވަނީ އޭނާއަށް ފާޑުވިދާޅުވެފައެވެ.
ޓްރަމްޕަކީ އަންހެނަކު ވިހޭ ދަރިއަކަށްވެފައި އޭނާގެ އަނބިމިހާ އާއި އަންހެންދަރިން ތިބޭއިރު އަންހެން ޖިންސަށް މިހާބޮޑަށް ނަފްރަތުކޮށް ޓްރަމްޕް ވާހަކަ ދެއްކެވުމަކީ ގަބޫލު ނުކުރެވޭނެ ކަމެއްކަމަށް ޓްރަމްޕްގެ އަނބިކަނބަލުން ވިދާޅުވެފައިވެއެވެ.
މިމައްސަލާގައި ޓްރަމްޕްގެ ރަނިންމޭޓްވެސް ވަނީ ރިޔާސީ ރޭހުން ވަކިވުމަށް ޓްރަމްޕަށް ގޮވާލައްވާފައެވެ. ނަމަވެސް ޓްރަމްޕް ވަނީ ރިޔާސީ ރޭހުން ވަކިވެ ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.
އެމެރިކާގެ ގައުމީ ސަލާމަތާބެހޭ ކަންކަމުގައި ހިލަރީގެ އަމިއްލަ އީ މެއިލް ބޭނުންކުރެއްވި މައްސަލާގައި ޚުދު ހިލަރީވެސް ވަނީ އެއީ ހެއްދެވުނު ގޯހެއް ކަމަށް އެއްބަސްވެ ވަޑައިގެންފައެވެ. (ރޮއިޓާސް)