10 Oct 2016, 08:55
ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ކަރަން ޖޯހަރުގެ ވަރަށް ގާތް އެކުވެރިންގެ ތެރޭގައި ހިމެނުނު ކާޖަލް އާއި ދެމީހުންގެ ގުޅުން މިހާރު އެހާ ރަނގަޅު ނޫން ކަމަށް ކާޖަލްގެ ފިރިމީހާ އަދި ކާމިޔާބު އެކްޓަރު/ޑައިރެކްޓަރު އަޖޭ ދޭވްގަން ބުނެފި އެވެ.
އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެމުން އަޖޭ ބުނީ ކަރަން އާއި ކާޖަލްގެ ގުޅުން ހީނަރުވީ ދެމީހުންގެ ދޭތެރޭގައި ޖެހުނު ޕާސަނަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.
އަޖޭ އާއި ކަރަން އަކީ އެއްވެސް އިރެއްގައި ރައްޓެހިނެއް ނޫނެވެ. އަދި ކުރިއަށް އޮތް ދިވާލީ އާ ދިމާކޮށް ދެ މީހުންގެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވާއިރު މިހާރު ވެސް ދެމީހުންގެ ދޭތެރޭގައި ބޮޑު ވާދަވެރިކަމެއް ވަނީ އުފެދިފައެވެ.
އަޖޭގެ "ޝިވާއޭ" އަދި ކަރަންގެ "އޭ ދިލް ހޭ މުޝްކިލް" މި މަހުގެ 28 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައި ވާއިރު، ކަރަން އާއި ކާޖަލްގެ ގުޅުން ހީނަރުވީ އެ ސަބަބާ ހުރެ ނޫން ކަމަށް އަޖޭ ވަނީ ބުނެފައެވެ.
"އަހަންނާ ކަރަން އަކީ ރަށްޓެހިންނެއް ނޫން. ކާޖަލް އާއި ކަރަންގެ ގުޅުން ވެސް މިހާރު ރަނގަޅެއް ނޫން. އެއީ ދެމީހުންގެ އަމިއްލަ މައްސަލަ އެއް. ޕްރޮފެޝަނަލް ކަމެއް ނޫން. އެކަމާ ދެ ފިލްމު އެކުގައި ރިލީޒްވުމާ އެއްވެސް ގުޅުމެއް ނެތް." އަޖޭ ބުންޏެވެ.
އަޖޭ ބުނީ ކަރަން އާއި ކާޖޮލް އާ ދޭތެރޭ ޖެހުނު މައްސަލައާ ގުޅޭގޮތުން އޭނާ ވާހަކަ ދައްކަން ބޭނުން ނޫން ކަމަށެވެ.
ކާޖަލް ވަނީ ކަރަންގެ ގިނަ ފިލްމުތަކެއްގައި މަސައްކަތް ކޮށްފައެވެ. އެގޮތުން ކާމިޔާބު ފިލްމު "ކުޗް ކުޗް ހޯތާ ހޭ"، "ކަބީ ޚުޝީ ކަބީ ޣަމް"، މައި ނޭމް އިޒް ޚާން" ފަދަ ފިލްމުތައް ހިމެނެ އެވެ. އަދި ވެސް ކަރަންގެ އެހެން ފިލްމުތަކުގައި ކާޖަލް ވަނީ ހާއްސަ ފެނިލުމެއްގެ ގޮތުގައި ފެނިގެން ގޮސްފައެވެ.
ކާޖަލް މިހާރު އަންނަނީ "ޝިވާއޭ" ގެ މާކެޓިންގެ މަސައްކަތުގައި ހަރަކާތްތެރި ވަމުންނެވެ.