06 May 2010, 10:02
14:30
އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.
ކަސްޓަމްސްގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޗީފް ކަސްޓަމްސް އޮފިސަރ އަހުމަދު ސިމާހު މިއަދު ވިދާޅުވީ އެ މަސްތުވާތަކެއްޗަކީ ކަސްޓަމްސުން ޝައްކުކުރެވިގެން ޗެކްކުރި، ޓްރެވިންޑްރަމުން ރާއްޖެ އައި ފަސިންޖަރެއް ރާއްޖެއަށް އެތެރެކުރަން މަސައްކަތްކޮށް، އެސަރަހައްދަށް ދޫކޮށްލާފައިވާ ތަކެތި ކަމަށެވެ. އެމީހާއާ ބެހޭ އިތުރު ތަފްސީލެއް ނުދެއްވާ ޝިމާހް ވިދާޅުވީ އެމީހާގެ މަޢުލޫމާތު މިހާރު ފުލުހުންނަށް ދީފައިވާ ކަމަށާއި އަދި އެމައްސަލަ ފުލުހުން ތަހްގީގު ކުރަމުންދާ ކަމަށެވެ.
ސިމާހު އަދި ވިދާޅުވީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝްއޮއިލް އަށް ޕޮޒިޓިވް ވެފައިވާ އެތަކެތީގެ ޖުމްލަ ބަރުދަނުގައި ޕެކިނާއެކު 1.045 ކިލޯ ހުރި ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެމައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އަދި އެމައްސަލަ ތަހްގީގު ކުރަމުންދާ ކަމަށެވެ. ހައްޔަރުކުރި މީހަކީ ދިވެއްސެއްކަމެއް ނުވަތަ ނޫން ކަމެއް ވެސް އޮފިޝަލު ވިދާޅެއްނުވެ އެވެ.