10 Oct 2016, 10:23
ރާއްޖޭގެ މައި ދޮރޯށި، ނުވަތަ "ދިވެހީންގެ އެއާޕޯޓު"، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ސަރުކާރުން ފަށާފައިވާ، އެ ބިޔަ، ބޮޑު މަޝްރޫޢު ހުއްޓުމެއް ނެތި ދަނީ ކުރިއަށެވެ. މައިގަނޑު މަސައްކަތްތައް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ދަނީ ވަމުންނެވެ.
ބޭނުންވާ ފައިސާގެ ބޮޑު ބައެއް ބޭރުގެ ފަރާތްތަކުން ސަރުކާރުން ހޯދައި، އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް މިއޮތީ ގާތްގަނޑަކަށް ފަށާފައެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެ މަޝްރޫއުގެ ދަށުން އެތަނުގައި ދެވަނަ ރަންވޭއެއް އަޅައި، މިހާރަށް ވުރެ ގިނައިން ތެޔޮ ރައްކާ ކުރެވޭ ފިއުލް ފާމެއް އަދި ކާގޯ ޓާމިނަލެއް އަޅަން ވަނީ ނިންމާފައެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތަކަށް ޚާއްސަ، އާ ޓާމިނަލެއް ވެސް އެޅިގެން ދާނެއެވެ.
ބައިނަލްއަގުވާމީ ޓާމިނަލްގެ އެޅުމަށް ސައިޓު ކްލިއާކޮށްފި
ސައުދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕާ ހަވާލުކޮށްގެން އައިއެންއައިއޭގެ އާ، ބައިނަލްއަގުވާމީ ޓާމިނަލް އަޅަން ނިންމާފައިވަނީ، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ މިހާރުގެ ބައިނަލްއަގުވާމީ ޓާމިނަލްގެ އިރުމަތީގައެވެ. މީގެ ކުރިން ބައިނަލްއަގުވާމީ ޓާމިނަލްގެ އިރުމަތީގައި އޮންނަނީ ބޮންޑެޑް ވެއާހައުސްތަކާއި، އެމްއޭސީއެލްގެ ބައެއް ޑިޕާޓްމެންޓުތައް ހިނގާ އިމާރާތްތަކެކެވެ.
ނަމަވެސް އާ ޓާމިނަލް އެޅުމަށްޓަކައި އެ ބިމުގައި ހުރި އިމާރާތްތައް ވަނީ އެހެން ދިމާލަކަށް ގެންގޮސްފައެވެ. އެ ދިމާލުން އޮތް ފަޅު ވެސް ވަނީ ހުޅުލޭގެ ނެރާ ހަމައަށް ހިއްކައި، ހިކިފަސްތަނަކަށް ހަދައިފައެވެ.
އެއާޕޯޓުގެ ދެވަނަ ރަންވޭގެ މަސައްކަތް ކުރާ ޗައިނާ މީހުން އެމީހުންގެ ވަގުތީ ސައިޓު ތަރައްގީކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ބޮންޑެޑް ވެއާހައުސްތައް ހުޅުމާލެއަށް ވަނީ ބަދަލުކޮށްފައެވެ. އަދި އެމްއޭސީއެލްގެ ޑިޕާޓްމެންޓުތައް ހިންގުމަށްޓަކައި، ހުޅުލޭގެ އިރުމަތީގައި ވަނީ އަލަށް އިމާރާތްތަކެއް ގާއިމުކޮށްފައެވެ. އެ އިމާރާތްތައް ހުންނަ ދިމާ ސިފަވަނީ ކުޑަވަރެއްގެ ޓައުނެއްގެ ގޮތުގައެވެ. ބްލޮކުތަކުގައި އިމާރާތްތައް ހުރި އިރު، ރީތިކޮށް މަގުތައް ވެސް ދަނީ ހަދަމުންނެވެ. އެމްއޭސީއެލްގެ މުވައްޒަފުން ކެއުމަށް ރެސްޓޯރަންޓްތަކާއި ކެފޭތަކުގެ އިތުރުން، އެތަނުގައި މިސްކިތެއް ވެސް ވަނީ ހަދައިފައެވެ.
"މިހާރު އެ އިމާރާތްތައް ނިމި، 90 ޕަސަންޓު ސްޓާފުން ވަނީ މިކޮޅަށް ބަދަލުވެފައި. ދެ ތިން ބިލްޑިންގެއް ފިޔަވާ، ހުރިހާ ބިލްޑިންގްއަކަށް މުވައްޒަފުން ބަދަލުވެއްޖެ. މިތަނަށް ބޭނުންވާ ފެނާއި ނަރުދަމާއާ އިންޓަނެޓާ މަގުތަކާ ހުރިހަ އެއްޗެއް ނިމި، މިތަން މި ވަނީ އޮޕަރޭޝަނަށް ގެނެވިފައި،" އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވިއެވެ.
ދެވަނަ ރަންވޭއެއްގެ ބޭނުން
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ފްލައިޓު އޮޕަރޭޝަންތައް ހަލުއިކުރުމަށްޓަކައި، އާ ރަންވޭއެއް އެޅުމުގެ ބޭނުމަކީ، ކުރީގެ ރަންވޭ ޓެކްސީވޭއެއްގެ ގޮތުގައި ބޭނުންކުރުމެވެ.ފްލައިޓު ޓެކްސީ ކުރުމަކީއެއާޕޯޓުގެ އިމާރާތާ ފްލައިޓު ދުރަށް ޖެހި، ފްލައިޓު ނައްޓާލުމަށް ރަންވޭ މައްޗަށް އަރަން ދިއުމެވެ.
އެމްއޭސީއެލްގެ އެމްޑީ އާދިލް މޫސާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެންމެ ރަންވޭއެއް އޮތުމުން މިކަން ކުރުމަށް އެއާޕޯޓުގައި އޮންނަ ޖާގަ ކުޑައެވެ. އެހެންކަމުން ގިނަ ވަގުތު ހޭދަވެއެވެ. ދެވަނަ ރަންވޭއެއް އަޅައި، ފުރަތަމަ ރަންވޭ ޓެކްސީވޭއަކަށް ބަދަލުކުރުމުން ފްލައިޓު ޖެއްސުމުން އަވަހަށް ފްލައިޓު ކްލިއާ ކުރެވޭނެއެވެ.
"ބައެއް ފަހަރު ދަތުރުކުރަމުން އަންނަ އިރު އެއާކްރާފްޓު އެބަ ޖެހޭ މަތީގައި ހޯލްޑުކުރަން، އެއާޕޯޓުން ޖާގަ ނުލިބިގެން. އެހެންވާ ސަބަބަކީ ސިންގަލް ރަންވޭއެއް ވީމަ، ބޯޓު ޖައްސާފައި ޓާމިނަލާ ހަމައަށް އާދެވޭނީ ޖެއްސި ހިސާބުން ފެށިގެން އަނބުރާލާފައި އައިސް ވަދެގެން ކަމަށް ވާތީ. 15 ވަރަކަށް މިނިޓު ވީމަ އެހެން ބޯޓުތަކަށް ނުކުމެވެނީ. އާ ރަންވޭ އެޅުމުން މި ރަންވޭއަށް ޖައްސާފައި، މި ރަންވޭ ކްލިއާ ކޮށްފައި ޓެކްސީވޭއަކަށް ވަދެވޭނެ ދެއްތޯ. މެއިން ރަންވޭ އަބަދުވެސް އޮންނާނީ ފްލައިޓު ޖެއްސުމަށް އެވެއިލަބަލް ކޮށް،" އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވިއެވެ.
އޭޕްރީލް 6، 2016: އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ އާއި އޭޕްރަން އަދި ފިއުލް ފާމާއި ކާގޯ ޓާމިނަލް ތަރައްގީ ކުރުމުގެ މަޝްރޫއު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ފަޔާޒު މޫސާ
އާދިލް ވިދާޅުވީ، ރަންވޭ ކްލިއާ ވުމުގެ އިންތިޒާރުގައި ވައިގެ ތެރޭގައި ބައެއް ފްލައިޓުތައް މަޑުކުރަން ޖެހުމަކީ އެއާލައިނުތަކަށް ވެސް އަގުބޮޑު ކަމެއް ކަމަށެވެ.
"ހަމަ އިތުރު ފިއުލް އެ ދަނީ އަނދައިގެން. ފަސިންޖަރުންނަށް ވެސް އުނދަގޫ ވާނެ. ބޯޓެއްގައި، ޖައްސަން އައިސް ނުޖެއްސި މަތީގައި އޮންނަން ޖެހުމަކީވެސް އުނދަގުލެއް ދެއްތޯ. އެ މައްސަލަތައް އެއްކޮށް ހައްލުވެގެން ދާނެ. އޭގެ މާނައަކީ ރަންވޭއަށް ޖައްސާފައި، އެ ރަންވޭ ކްލިއާ ވީއޭ ދެއްތޯ، ޓެކްސީވޭއަށް ފްލައިޓު ރީރޫޓު ކޮށްލީމަ،"
ރަންވޭ އަޅާ ބިމުގެ 30 ޕަސަންޓު ހިއްކައިފި
ހުޅުލޭގެ އެއާޕޯޓުގައި އަޅާ އާ ރަންވޭ އަޅަނީ، މިހާރު އޮތް ރަންވޭގެ އިރުމައްޗާ ވާ ގޮތަށް، ޕެރެލަލް ކޮށެވެ. އެކަން ކުރުމަށްޓަކައި 62 އޭކަރުގެ ބިން ހިއްކަން ޖެހެއެވެ. ރަންވޭ އެޅުމުގެ މަސައްކަތް ކުރަނީ ޗައިނާގެ ބެއިޖިންގް އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ)އިންނެވެ. އަދި ރަންވޭ އެޅުމަށް ބޭނުންވާ ބިން ހިއްކުމަށް ބީޔޫސީޖީން ވަނީ ޔޫއޭއީގެ ގަލްފް ކޮބްލާއާ ހަވާލުކޮށް، އެކަން ކުރަމުންނެވެ.
ހުޅުމާލޭގެ ނެރާ ހަމައަށް ހުޅުލޭގެ ބިން ހިއްކަން ރާވާފައިވެއެވެ. އެހެންކަމުން އެމްއޭސީއެލުން ވަނީ ހުޅުމާލޭގެ ފެރީއާއި އެހެނިހެން ބޭނުންތަކަށް އެހެން ނެރެއް ވެސް ކަނޑައިދީފައެވެ.
އެއާޕޯޓުގެ ދެވަނަ ރަންވޭ އެޅުމަށް ބިން ހިއްކާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ރަންވޭ އަޅާ މަސައްކަތަށް ބިން ހިއްކުމަކީ އާދައިގެ މަތިން ބިން ހިއްކުމަ ވަރަށް ތަފާތު ކަމެކެވެ. އާދިލް ވިދާޅުވި ގޮތުގައި ދުނިޔޭގެ އެންމެ ބޮޑެތި ބޯޓުތަކަށް ޖެއްސޭ ފެންވަރަށް އާ ރަންވޭ ތަރައްގީ ކުރާ އިރު، އެކަން ކުރަންޖެހެނީ ވަކި ކަހަލަ ސްޓެންޑަޑުތަކަކަށް ބަލައިގެންނެވެ. އެކަން އެދަނީ ކުރިޔަށެވެ.
މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ބިން ހިއްކަން ފެށި އިރު މިހާތަނަށް ބޭނުންކުރަމުން އައީ އެންމެ ޑްރެޖަރެކެވެ. ނަމަވެސް ގަލްފް ކޮބްލާގެ އިތުރު ދެ ޑްރެޖަރު މި ހަފްތާ ތެރޭގައި އައިސް މަސައްކަތް ކުރާނެއެވެ. ޖުމްލަ ތިން ޑްރެޖަރު އޮތް ނަމަވެސް އެއްފަހަރާ މަސައްކަތް ކުރާނީ ދެ ޑްރެޖަރެވެ.
އެއަޕޯޓު ރަންވޭ އެޅުމަށް، ސީޕްލޭން ޓާމިނަލް އޮންނަ ސަރަހައްދުން ވެލި ނަގައިގެން ހިއްކާ ހިއްކުމުގެ 30 ޕަސަންޓު މިހާރު ވަނީ ނިމިފައެވެ. ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި އެކަން ވެސް ނިމި، ރަންވޭ އެޅުމުގެ އަމަލީ މަސައްކަތް ފެށިގެން ދާނެއެވެ.
އެއާޕޯޓުގެ ދެވަނަ ރަންވޭގެ މަސައްކަތް ކުރާ ޗައިނާ މީހުން މަސައްކަތުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ރަންވޭގެ މަސައްކަތް ކުރާ ޗައިނާގެ ބީޔޫސީޖީއިން ވެސް ދަނީ އެ މަޝްރޫޢާ ކުރިމަތިލުމަށް ތައްޔާރުވަމުންނެވެ. އެގޮތުން، ޗައިނާ މީހުން ހުޅުލޭގައި ތިބޭނެ ވަގުތީ ސައިޓު ހެދުމުގެ މަސައްކަތް އެމީހުން ދަނީ ހަލުއިކަމާ އެކު ކުރަމުންނެވެ.
ބީޔޫސީޖީއިން ބުނާ ގޮތުގައި، ރަންވޭގެ މަސައްކަތް ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި މަސައްކަތްތެރީން، ކުރިޔަށް އޮތް ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެ ގެންނާނެއެވެ.
ފައިސާ؟
ސަރުކާރުން ބުނެފައިވާ ގޮތުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ކުރިޔަށްދާ ތަރައްގީގެ ބޮޑު މަޝްރޫއުގެ އަގަކީ 800 މިލިޔަނެއްހާ ޑޮލަރެވެ.
އެއާޕޯޓުގެ ތަރައްގީއަށް ސަރުކާރުން މިހާތަނަށް ލިބިފައިވާ ފައިސާގެ އެހީތަކުގެ ތެރޭގައި ކުވައިތު ފަންޑުގެ ފަރާތުން ދިން 50 މިލިޔަން ޑޮލަރުގެ ލޯނަކާއި ސައުދީ އަރަބިއްޔާގެ ސައުދީ ފަންޑް ފޯރ ޑިވެލޮޕްމެންޓުން ދާދި ފަހުން ދިން 100 މިލިޔަން ޑޮލަރުގެ ލޯނެއް ހިމެނެއެވެ.
އަދި އާ ރަންވޭގެ މަސައްކަތް ކުރުމަށް ޗައިނާގެ އެކްސްޕޯޓު އިމްޕޯޓު ބޭންކުން 373 މިލިޔަން ޑޮލަރުގެ ލޯނެއް ލިބިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިދިޔަ އަހަރު ވިދާޅުވިއެވެ.
މީގެ އިތުރުން، އޯޕެކްގެ އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޮފިޑް)ގެ ގަވަނިންގް ބޯޑުން ވަނީ، ރާއްޖޭގެ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫޢަށް 50 މިލިޔަން ޑޮލަރުގެ ލޯނެއް ރާއްޖެއަށް ދޭން ނިންމައިފައެވެ. ނަމަވެސް މި ލޯނު އަދި ރާއްޖެއާ ހަވާލު ކޮށްފައެއް ނުވެއެވެ.
ސަރުކާރުން މިހާރުވެސް ގިނަ އަދަދެއްގެ ލޯނު މިކަމަށް ނަގާފައިވާ އިރު، މި އަހަރުގެ ތެރޭގައި އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވިއެވެ.