ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވީ އެކަން ނުކުރަން އޭނާ އާދޭސްކުރަމުން ދަނިކޮށް ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ސަން ޓީވީގެ "50 މިނިޓް" ޕްރޮގްރާމުގައި ރޭ ވާހަކަފުޅު ދައްކަވަމުން އަލްހާން ވިދާޅުވީ ރައީސް ނަޝީދަކީ ކަންކަން ނިންމެވުމަށްފަހު ވަރަށް ގޮތް ދޫނުކުރައްވާ ބޭފުޅެއް ކަމަށެވެ.

"ރައީސް ނަޝީދަކީ ކަންކަން ނިންމަވާފަ ވަރަށް ގޮތްދޫނުކުރައްވާ ބޭފުޅެއް. އެކަމުގެ ނަތީޖާއަކަށް ވެގެންދިޔައީ އޭގެ ފަހުން އަޅުގަނޑުމެން ކުރިމަތިލީ ކަންތައްތަކާ ކުރިމަތިލާން ޖެހުން. އަޅުގަނޑުމެން ތިބިން އެންމެ ފަހުވަގުތާ ޖެހެންދެންވެސް. ރައީސް ނަޝީދު އިސްތިއުފާ ދެއްވިއިރުވެސް އަޅުގަނޑު ރައީސް ނަޝީދަށް އާދޭސްކުރިން ރައީސް އިސްތިއުފާ ނުދެއްވާށޭ. އިސްތިއުފާ ދެއްވާކަށް އަދި ނުޖެހެއޭ،" އަލްހާން ވިދާޅުވިއެވެ.

އަލްހާން ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި އޭނާ އެމްޑީޕީގެ ނައިބު ރައީސްގެ މަގާމުގައި ހުރި އިރު ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރަން އުޅޭކަން އެނގިފައި ނުވާ ކަމަށާއި އެކަން އެނގުނީ ރައީސް ނަޝީދު ގުޅުއްވާފައި ވިދާޅުވުމުން ކަމަށެވެ. އަބްދުﷲ ގާޒީ ހައްޔަރުކުރުމާ އެކު އޭނާ ދޫކޮށްލަން ނަޝީދަށް ބާރުއަޅުއްވާފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް އެއިން އެއްވެސް ވާހަކައަކަށް ރައީސް ނަޝީދު އިޖާބާ ދެއްވާފައިނުވާ ކަމަށް އަލްހާން ވިދާޅުވިއެވެ.

އެއަށްފަހު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ރައީސް ނަޝީދު ނިންމެވުމުން އެކަން ހުއްޓާލައި ޕާޓީގެ މުސްތަގުބަލަށްޓަކައި އެމްޑީޕީގެ އެހެން ކެންޑިޑޭޓަކާ އެކު މަސައްކަތް ކުރެއްވުމަށް އޭނާ ދެންނެވި ކަމަށް އަލްހާން ވިދާޅުވިއެވެ.

އެވާހަކަ ދެއްކުމާ އެކު ރައީސް ނަޝީދާ ދެމެދު އޮތް ސިޔާސީ އިތުބާރު ގެއްލިގެން ދިޔަ ކަމަށާއި، އެއަށްފަހު އޭނާއަކީ ރައީސް ނަޝީދު ނޫން އެހެން ބޭފުޅެއް ވެރިކަމަށް ގެންނަން މަސައްކަތް ކުރާ ބޭފުޅެއްގެ ގޮތުގައި ލޭބަލް ވެގެން ގޮސްފައިވާ ކަމަށް އަލްހާން ވިދާޅުވިއެވެ.

"އޭގެ ކުޑަދުވަސްކޮޅެއް ތެރޭގައި ހަޅުތާޅުތަކަކަށްފަހު އަޅުގަނޑުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހިނގީ. އިތުބާރު ނެތްކަމުގެ މައްސަލަ ހިނގުމާ ގުޅިގެން އަނެއްކާވެސް އަޅުގަނޑު ނުކުތީ އެމްޑީޕީ އިސްލާހުގެ މަގަށް ގެނައުމަށްޓަކައި. 'ނިއު އެމްޑީޕީ' ނަމުގައި އަޅުގަނޑު ފެށީ،" އަލްހާން ވިދާޅުވިއެވެ.