10 Oct 2016, 01:30
އދ. ގެ ޖެނެރަލް އެސެމްބުލީން ގަރާރެއް ފާސްކުރި ކަމުގައި ވިޔަސް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 2018ގައި ވެރިކަމަށް ކުރިމަތި ނުލެއްވޭނެ ކަމަށް އެމްޑީފީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
ސަންޓީވީގެ "50 މިނިޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އަލްހާން ރޭ ވިދާޅުވީ ރައީސް ނަޝީދަށް 2018ގެ އިންތިހާބުގައި ކުރިމަތިލެވެން އޮތީ ރާއްޖޭގެ ގާނޫނަށް ބަދަލު ގެނެސްގެން ކަމަށާއި، ރާއްޖޭގެ ގާނޫނަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮވެގެން ކަމަށެވެ. ނަމަވެސް އެފަދަ މެޖޯރިޓީއެއް އެމްޑީޕީގައި ނެތުމުން އެކަން ކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގެ ގާނޫނަށް ބަދަލުގެނެވޭނީ ދިވެހިރާއްޖޭގެ ޕާލިމެންޓުގެ މެޖޯރިޓީ އޮވެގެން. އެކަމެއްވެސް އަޅުގަނޑުމެންނަކަށް ނެތް ކުރެވޭކަށް. އެހެންވީމަ ގާނޫނަށް ބަދަލު ނުގެނެސް، ސްޕްރީމް ކޯޓުގެ ނިންމުމަކާ ނުލައި ރައީސް ނަޝީދަކަށް 2018ގަ ކުރިމައްޗެއް ނުލެއްވޭނެ. އދ. ގެ ޖެނެރަލް އެސެމްބުލީން ގަރާރެއް ފާސްކުރިޔަސް ނުލެއްވޭނެ،" އަލްހާން ވިދާޅުވިއެވެ.
އަލްހާން ވިދާޅުވީ ރާއްޖެއަކީ ކުޑަ ދައުލަތަކަށްވިޔަސް ރާއްޖެއަށް ބޭނުންހާ ގޮތެއް ހެދުމުގެ ބާރު އދ. އަށް ލިބިގެން ނުވާ ކަމަށެވެ. އަދި ރާއްޖެއަށްވެސް ހައްގުތަކެއް އޮންނާނެ ކަމަށާއި އެކަމުގެ ތެރެއަށް އދ. އަށް ނުވަދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ރައީސުލްޖުމްހޫރިއްޔާއަކު ނިންމާ ނިންމުމެއް ތަންފީޒު ނުކުރުމާ ގުޅިގެން އދ އަށް ބާރެއް ލިބިގެން ނުވޭ ރައީސް ޔާމީން ހައްޔަރު ކުރާކަށް. އަދި ދިވެހި ދައުލަތް ހިސޯރުކޮށްފަ އެތަނުގަ އެމީހުން ބޭނުންހާ މީހަކު ވެރިކަމަށް ލާކަށް. އެ ފުރުސަތެއް ނެތް،" އަލްހާން ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ގާނޫނީ ވަކީލު ހަސަން ލަތީފު ވިދާޅުވެފައި ވަނީ ނަޝީދުގެ ކިބައިން ސިޔާސީ އަދި މަދަނީ ހައްގުތަކެއް ނިގުޅައިގެންފައިވާ ކަމަށާއި އެ މައްސަލަ އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކޮމިޓީއަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި އެ މައްސަލަ ނަޝީދާ އެއްކޮޅަށް ނިމިގެން ދިއުން ކައިރިކަމަށް ހަސަން ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދާ އެއްކޮޅަށް އެމައްސަލަ ނިމިއްޖެނަމަ އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެކަމަށް އުއްމީދު ކުރެވޭ ކަމަށްވެސް ހަސަން ލަތީފުވަނީ ވިދާޅުވެފައެވެ.