10 Oct 2016, 00:22
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެ މަޝްރޫއު ކުރިޔަށް ގެންދިއުމަށް އިތުރަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭރުގެ ފަންޑިންގ އޭޖެންސީތަކާ ސަރުކާރުން ވާހަކަދައްކަމުން ދާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނެފިއެވެ.
އެއާޕޯޓުގެ ތަރައްގީގެ މަޝްރޫއު ހިނގަމުންދާ ގޮތް ނޫސްވެރިންނަށް މިއަދު ދައްކާލުމުގެ ތެރޭގައި، އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތަށް 150 މިލިޔަން ޑޮލަރުގެ ފައިސާ މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
އޭގެ ތެރެއިން 50 މިލިޔަން ޑޮލަރަކީ ކުވައިތުން ރާއްޖެއަށް ދިން ލޯނެކެވެ. އަދި 100 މިލިޔަން ޑޮލަރަކީ ސައުދީ ފަންޑް ފޯރ ޑިވެލޮޕްމެންޓުން ދިން ލޯނެކެވެ.
އާދިލް ވިދާޅުވީ ދެން ހުރި ފައިސާ ވެސް ހޯދޭނެ ގޮތަކާ މެދު ސަރުކާރުން މިހާރުވެސް ދަނީ ބޭރުގެ ފަރާތްތަކާ މަޝްވަރާ ކުރަމުން ކަމަށާއި، މައުލޫމާތު ލިބޭ ގޮތުގައި ވަރަށް އަވަހަށް ބަޔަކާ އެކު ސޮއިކުރެވޭނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އޮތް ގޮތުން ކުރިޔަށް އޮތް މަހެއް ނޫނީ ދެ މަހެއްގެ ތެރޭގައި ފަންޑިންގ އޭޖެންސީއަކާ އެކު ސޮއި ކުރެވޭނެ،"
އާދިލް ވިދާޅުވީ މިހާރުވެސް މަސައްކަތް ފެށުމަށް އެއްވެސް ދައްޗެއް ނެތް ވަރަށް ފައިސާ ލިބިފައިވާ ކަމަށެވެ. އަދި ފައިސާގެ ކަމަކާ ހެދި މަސައްކަތް ހުއްޓިފައި ނޯންނާނެ ކަމަށާއި އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ނިމުމާ އެކު މަސައްކަތް ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިބްރަހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ބައިނަލްއަގުވާމީ ޓާމިނަލް އެޅުމަށް ހަވާލުކޮށްފައިވަނީ ސައުދީ އަރަބިޔާގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނި، ސައުދީ ބިންލާދިން ގްރޫޕާއެވެ.
މީގެ އިތުރުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ދެވަނަ ރަންވޭއާއި، 45 މިލިޔަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭ ފިއުލް ފާމްގެ އިތުރުން 120،000 ޓަނުގެ ކާގޯ ރައްކާ ކުރެވޭ ކާގޯ ޓާމިނަލް އެޅުމުގެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ބެއިޖިންގ އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ)އަށެވެ.
އެއާޕޯޓުގެ އާ ރަންވޭ އެޅުމަށް ހިއްކަންޖެހޭ ބިން ހިއްކުމަށްޓަކައި ބީޔޫސީޖީއިން ވަނީ ސަބްކޮންޓްރެކްޓަރ، ޔޫއޭއީގެ ގަލްފް ކޮބްލާއާ އެމަސައްކަތް ހަވާލު ކޮށްފައެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެ ބޮޑު މަޝްރޫއަކީ 800 މިލިޔަނެއްހާ ޑޮލަރުގެ ބިޔަ މަޝްރޫއެކެވެ.