ސައްހަ ޕާސްޕޯޓްތަކެއްގައި ރާއްޖެއަށް އެތެރެވުމަށް ފަހު ޓައިވާންގެ ވަގު ޕާސްޕޯޓްތަކެއް ބޭނުން ކޮށްގެން އޮސްޓްރިއާއަށް ފުރަން އުޅުނު ޗައިނާގެ ދެ މީހަކާއި މެލޭޝިޔާ މީހަކު ރޭ މާލޭ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފި އެވެ.
ރޭ 7.00 އާއި 8.00 ދެމެދު އިމިގްރޭޝަން އޮފިސަރުން ހިފަހައްޓައި ހައްޔަރުކުރި ތިން މީހުންނަކީ ޗައިނާގެ އަންހެނަކާއި އޭނާގެ ދަރިއެއް ކަމަށް ބެލެވޭ އުމުރުން 18 އަހަރުގެ ފިރިހެނަކާއި އެމީހުންގެ އެހީތެރިއަކަށް އުޅުނު މެލޭޝިޔާގެ ފިރިހެނެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ކޮންޓްރޯލާ އޮފް އިމިގްރޭޝަން އަބުދުﷲ ޝާހިދު ވިދާޅުވީ ވަގު ޕާސްޕޯޓް ބޭނުންކޮށްގެން ފުރަން އުޅުނު ޗައިނާގެ ދެ މީހުންގެ އެންމެ ފަހުގެ މަންޒިލެއްކަމަށް ތަހުގީގުން އެނގިފައިވަނީ އޮސްޓްރިއާގެ ވެރިރަށް ވިއެނާ ކަމަށެވެ.

" އެމީހުންގެ ފައިނަލް ޑެސްޓިނޭޝަން އެއް ކަމަށް އެނގިފައި ވަނީ ވިއެނާ،" ޝާހިދު ވިދާޅުވިއެވެ.

އިމިގްރޭޝަންގެ އިސް އޮފިޝަލަކު ވިދާޅުވީ އެމީހުން ވަގަށް އޮސްޓްރިއާ އަށް އެތެރެވުމަށް ރާއްޖެ އައިސްފައި ވަނީ ރާއްޖެއަކީ ދުނިޔޭގެ ހުރިހާ ގައުމެއްގެ މީހުންނަށް ފްރީ ވިސާ ލިބޭ ހަމައެކަނި ގައުމަށް ވާތީ ކަމަށެވެ. އޭނާ ވިދާޅުވީ ކޮންމެ އަހަރަކު ވިދާޅުވީ ކޮންމެ އަހަރަކު ވެސް މިފަދަ ކިތަންމެ މީހަކު އިމިގްރޭޝަނުން ހިފަހައްޓާ ކަމަށެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ވަގު ޕާސްޕޯޓްތަކެއް ބޭނުންކޮށްގެން ރާއްޖޭން ފުރަން އުޅެނިކޮށް އިމިގްރޭޝަނުން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައި ވަނީ މެލޭޝިޔާ މީހަކާއި ޗައިނާގެ ދެ މީހުން ކަމަށެވެ.

ވަގު ޕާސްޕޯޓް ބޭނުންކޮށްގެން ރާއްޖޭން ފުރަން އުޅެނިކޮށް ހައްޔަރުކޮށްފައިވާ ތިންމީހުންނާ ބެހޭ ގޮތުން އިތުރު މައުލޫމާތު ދެވެން ނެތްކަމަށް ވެސް ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ. އަދި އެމީހުން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައިކަން ނުވަތަ ނޫންކަމެއް ވެސް ފުލުހުން ކަށަވަރުކޮށެއް ނުދެ އެވެ.