09 Oct 2016, 22:08
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މާދަމާ ފުވައްމުލަކު ސިޓީއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެމަނިކުފާނު ފުވައްމުލަކަށް ވަޑައިގަންނަވަނީ މި ސިޓީގެ ފެނާއި ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ރަސްމީކޮށް އިފްތިތާހުކޮށް ފައްޓަވައިދެއްވުމަށެވެ. މީގެ އިތުރުން މި ދަތުރުފުޅުގައި ފުވައްމުލަކު ސިޓީގެ މަގު ހެދުމުގެ މަޝްރޫއުވެސް އެމަނިކުފާނު ފައްޓަވައިދެއްވާނެ އެވެ.
ފުވައްމުލަކުގެ ނަރުދަމާގެ މަސައްކަތް ހަވާލުކޮށްފައިވަނީ ލަންކާ ކުންފުންޏެއް ކަމަށްވާ ސިއެރާ އާ އެވެ. އެ ކުންފުނިން މިހާރުވެސް ރާއްޖޭގެ ފަސް ރަށެއްގައި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެއެވެ.
ރައީސްގެ މި ދަތުރުފުޅަކީ ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ދެއްވި ފަހުން އެމަނިކުފާނު މި ސިޓީއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރަށެވެ. އެމަނިކުފާނު ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ދެއްވާފައިވަނީ މިދިޔަ މަހުގެ ފަހު ކޮޅުގައެވެ.
މާދަމާ ރައީސް މި ރަށަށް ވަޑައިގަންނަވާއިރު ފެނަކަ ކޯޕަރޭޝަނާއި އެންވާރަމެންޓް މިނިސްޓްރީގެ އިސް ބޭފުޅުން ވަނީ މިހާރު މިރަށަށް ވަޑައިގެންފައެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑައިރެކްޓަރު އަހުމަދު ޝަރީފުވެސް މިވަގުތު ހުންނެވީ ފުވައްމުލަކުގައެވެ.