ޑިސެމްބަރު މަހު އޮންނަ ސެންޓަރަލް ޒޯން ވޮލީ މުބާރާތައް ގައުމީ ވޮލީ ޓީމް ތައްޔާރުވުމަށް ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ކުޅިވަރު ކަލަންޑަރަށް ބަދަލުތަކެއް ގެނެސްފިއެވެ.

މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެގައި ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފު ވިދާޅުވީ ގައުމީ މުބާރާތާއި ގައުމީ ލީގް އަންނަ މަހަށް އަވަސްކޮށްފައިވާ ކަމަށެވެ.

"ގައުމީ ލީގް އަދި ގައުމީ މުބާރާތް ކުރިއަށްދާނީ 1 ނޮވެމްބަރު އިން 21 އަށް. އަންހެން އަދި ފިރިހެން ޑިވިޝަންގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ 21 ވަނަ ދުވަހު،" ލަތީފު ވިދާޅުވިއެވެ.

ލަތީފު ވިދާޅުވީ ގައުމީ ޓީމްގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ޓީމްތައް ކުޅޭ ގައުމީ މުބާރާތް އަވަސް ކުރިނަމަވެސް ޒުވާން ކުޅުންތެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޔޫތު ޗެމްޕިއަންޝިޕް ކުރިންވެސް ކަނޑައަޅާފައިވާ ތާރީޚުގައި ކުރިއަށް ގެންދާނެ ކަމަށެވެ.

ރާއްޖޭގެ އިތުުރުން ސެންޓްރަލް ޒޯން މުބާރާތުގައި ދެން ހިމެނެނީ އަފްޣާނިސްތާން، ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ސްރީލަންކާ، އީރާން، ކަޒަކިސްތާން، ނޭޕާލް، ޕާކިސްތާން، ތަޖަކިސްތާން، ތުރުކުމަނިސްތާން، އުޒުބަކިސްތާން އަދި ކިރިގިސްތާންއެވެ.

އެ މުބާރާތުގެ އެންމެ ފަހުގެ ރަނަރަޕް ޓީމަކީ ރާއްޖެއެވެ. ފައިނަލްގައި ރާއްޖެ ބަލިވީ ތުރުކުމަނިސްތާން އަތުން 3-2 ސެޓުންނެވެ.

ދާދި ފަހުން ބޭއްވި ވޮލީ ބޯލް އެސޯސިއޭޝަންގެ އިންތިޚާބު ފުރިހަމަ އަޣުލަބިއްޔަތާއެކު ކާމިޔާބު ކުރެއްވި ލަތީފު ވިދާޅުވީ ގައުމީ މުބާރާތް މިމަހުގެ 21 ވަނަ ދުވަހު ނިންމާލުމަށްފަހު 25 ވަނަ ދުވަހު ގައުމީ ޓީމްގެ ޕްރެކްޓިސް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.