09 Oct 2016, 22:51
މި މަހުގެ ދެވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ވެސްޓަން ޔޫނިއަން މަނީ ޓްރާންސްފާ އިން މިލިއަނަކަށްވުރެ ގިނަ ފައިސާ ފޭރުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލާގައި މިދިޔަ ބުދަ ދުވަހު ހައްޔަރުކުރި މީހާ ފުލުހުންގެ ބަންދުގައި ހުންނަތާ 24 ގަޑިއިރު ހަމަވާން ކައިރިވުމުން، އިތުރަށް ބަންދުގައި ބެހެއްޓުމާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އިތުރު 10 ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ ކަމަށެވެ.
ސަން އަށް އެނގިފައިވާގޮތުގައި އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ގއ. ކޮނޑޭ، ސީނުގޭ އަލީ ޝަނީޒް،22، އެވެ.
ސަންއާ ވާހަކަދައްކަމުން ހ. ތާޅަފިލިގޭގައި ދިރިއުޅޭ މީހަކު ބުނީ ޝަނީޒް ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އެގޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓުގައި ހުއްޓައި ކަމަށެވެ.
އޭނާ ބުނީ ޝަނީޒް އާއި އޭނާގެ އާއިލާގެ ބައެއް މީހުން ދިރިއުޅެނީ އެގޭގެ އެޕާޓްމަންޓެއްގައި ކަމަށެވެ. އަދި ފުލުހުންގެ ޓީމަކުން އެ އެޕާޓްމަންޓު ބަލައިފާސްކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ޝަނީޒްގެ އިތުރުން ވެސް އެކަމުގައި އިތުރު ބަޔަކު ބައިވެރިވިއެވެ. މަންޒަރު ދުށް މީހުން ބުނީ އެތަނުން ފައިސާ ފޭރުނީ ގްރޫޕަކުން ކަމަށެވެ.
އެމީހުން ވެސްޓަން ޔޫނިއަންގެ އޮފީސް ތެރެއަށް ވަނީ ދިރާގުގެ މުވައްޒަފުންތަކަކަށް ހެދިގެންނެވެ. އަދި އެތަނަށް ވަނުމަށްފަހު އެވަގުތު އެތަނުގައި ތިބި މީހުން ބަނދެ ވަޅިން ބިރުދެއްކުމަށްފަހު ގިނަ އަދަދެއްގެ ފައިސާތަކެއް ވަނީ ފޭރިގެންފައެވެ.
ފައިސާތައް ފޭރިގަތުމަށްފަހު ދުވެފައިގޮސް އެމީހުން ވަނީ ޝަނީޒް ދިރިއުޅޭ ގެ ކަމުގައިވާ ހ. ތާޅަފިލިގެއަށެވެ. އެގޭގެ ސިޑިގޮޅިން ފުލުހުން ވަނީ ފައިސާ ދަބަހެއް ހޯދައިފައެވެ. އަދި އެމީހުން އެގެއަށް ވަނުމަށް ދުވެފައި ދިޔައިރު ޖީބުން މަގުމައްޗަށް ވެއްޓިފައިވާ ފައިސާތަކެއް އާންމުންގެ ބަޔަކު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.
ފުލުހުން ބުނީ ވެސްޓަން ޔޫނިއަނުން ފޭރުނު ފައިސާގެ ތެރެއިން 1،125،590 ދިވެހި ރުފިޔާއާ 321،603 ޑޮލަރު ހޯދުމަށްފަހު މި މަހުގެ ތިނަ ވަނަ ދުވަހުގެ ހަވީރު 5:45 އެހާކަށްހާއިރު ބޭންކަށް ޖަމާކޮށްފައިވާ ކަމަށެވެ. އެތަނުން ފޭރުނު ފައިސާގެ ޖުމްލަ އަދަދެއް ނޭނގެއެވެ.