Back
Nov 23, 2025 SUN
SUN

އައިއެންއައިއޭގެ ސީޕްލޭން ޓާމިނަލް އެހެން ސަރަހައްދަކަށް ބަދަލުކުރަނީ

އައިއެންއައިއޭގެ ސީޕްލޭން ޓާމިނަލް އެހެން ސަރަހައްދަކަށް ބަދަލުކުރަނީ
Lead photo

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި އަޅާ އާ ރަންވޭ ބޭނުންކުރަން ފެށުމުގެ ކުރިން، އެއާޕޯޓުގައި ހުންނަ ސީޕްލޭން ޓާމިނަލް އެހެން ސަރަހައްދަކަށް ބަދަލު ކުރާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފިއެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ހިނގަމުންދާ ގޮތް ނޫސްވެރިންނަށް މިއަދު ދައްކާލުމަށްފަހު އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ އާ ރަންވޭ އެޅުމަށްޓަކައި ހިއްކަންޖެހެ ބިމުގެ 30 ޕަސަންޓު ބިން މިހާރު ހިއްކާފައިވާ ކަމަށެވެ.

އެއާޕޯޓުގައި މިހާރުވެސް ހުރި 3،400 މީޓަރުގެ ރަންވޭގެ ދިގުމިނުގައި އަޅާ ދެވަނަ ރަންވޭ އެޅުމަށްޓާކައި 62 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މި މަސައްކަތް ކުރަމުން ދަނީ ހުޅުލޭގެ ހުޅަނގު ކޮޅުން، ހުޅުމާލޭގެ ފަޅު ތެރެއަށް ވާ ގޮތަށެވެ. އާ ރަންވޭ އެޅުމުގެ މަސައްކަތް ކުރަނީ ޗައިނާގެ ބެއިޖިންގ އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ)އިންނެވެ.

ހުޅުލޭގައި އާ ރަންވޭ އެޅުމަށް ހިއްކާ ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އާދިލް ވިދާޅުވީ، އާ ރަންވޭ 2018 ވަނަ އަހަރުގެ ތެރޭގައި ބޭނުންކުރެވޭ ވަރު ވާނެ ކަމަށާއި، ނަމަވެސް އެ ރަންވޭ ބޭނުން ކުރުމުގެ ކުރިން އެއާޕޯޓުގައި ހުންނަ ސީޕްލޭން ޓާމިނަލް އެހެން ސަރަހައްދަކަށް ބަދަލު ކުރަން ޖެހޭނެ ކަމަށެވެ.

"ސީޕްލޭން ޓާމިނަލް މިހާރު ހުރި ސަރަހައްދާ ހެދި، މި އާ ރަންވޭ އޮޕަރޭޓު ކުރުމުގެ ކުރިން އެހެން ދިމާލަކަށް ބަދަލު ކުރަންޖެހޭ،"

އާދިލް ވިދާޅުވީ އެކަން ކުރުމުގެ ކޮންސެޕްޓް ޑިޒައިން ނިމި، އޭގެ ތަފްސީލީ ޑިޒައިން ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

"ރަންވޭ ނިމެން ވާ އިރަށް ސީޕްލޭން ޓާމިނަލް ވެސް މޫވެ ކުރެވޭނެ. ޓައިމްލައިންތަކަކަށް ބަހާލައިގެން ސީޕްލޭން ޓާމިނަލް މޫވް ކުރެވިގެން ދާނެ،" އާދިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސީޕްލޭން ޓާމިނަލް ބަދަލު ކުރެވޭނީ، އައިއެންއައިއޭގެ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރު ހުރި ސަރަހައްދާ ދިމާލަށް ކަމަށެވެ.

އެމްއޭސީއެލްގެ އެމްޑީ އާދިލް މޫސާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ސީޕްލޭން ޓާމިނަލްއާ ގުޅޭ ހުރިހާ ބިލްޑިންގްއެއް ބަދަލު ކުރާނެ. ސީޕްލޭން ޓާމިނަލަކީ ޕެސެންޖާ ޓާމިނަލާ ތަފާތު ތަނެއް. ސީޕްލޭން ޓާމިނަލްގައި ސޮފިސްޓިކޭޓެޑް އިކުއިޕްމެންޓްސްއެއް ނުހުންނާނެ،" އާދިލް ވިދާޅުވިއެވެ.

އެހެންކަމުން، ސީޕްލޭން ޓާމިނަލާއި، އެތަނާ ގުޅުންހުރި އިމާރާތްތައް އެހެން ދިމާލަކަށް ބަދަލުކުރުމަކީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށް އާދިލް ވިދާޅުވިއެވެ.

އައިއެންއައިއޭގައި އާ ރަންވޭއެއް އަޅާ އިރު، ކުރީގެ ރަންވޭ ބޭނުންކުރާނީ ޓެކްސީވޭއެއްގެ ގޮތުގައެވެ. މާނައަކީ، ފްލައިޓު ރަންވޭއަށް ޖެއްސުމަށްފަހު، ރަންވޭގައި އިތުރަށް ވަގުތު ހޭދަކުރުމުގެ ބަދަލުގައި، ފްލައިޓުގެ ދުވެލި ހުއްޓާލުމަށް ދާނީ ޓެކްސީވޭގެ ގޮތުގައި އޮންނާނެ، ކުރީގެ ރަންވޭއަށެވެ. މިގޮތަށް ދެ ރަންވޭގެ ބޭނުން ހިފުމުގެ ސަބަބުން ވަރަށް ވަގުތާއި ޚަރަދު ސަލާމަތް ކުރެވޭނެ ކަމަށް އާދިލް ވިދާޅުވިއެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ނެޓްވޯކު އޮންނަނީ ދިވެހިރާއްޖޭގައެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ފްލީޓު އޮންނަނީ ރާއްޖޭގެ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގައެވެ. ޓީއެމްއޭގެ ފްލައިޓުތަކުގެ ބޭސްއަކީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓެވެ. މީގެ އިތުރުން ގައުމީ އެއާލައިން، މޯލްޑިވިއަންގެ ސީޕްލޭން ބޭސްއަކީ ވެސް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics