09 Oct 2016, 19:16
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ފަސިންޖަރުން ފުރުމަށް މަޑުކޮށްގެން ތިބޭ ގޭޓު 1، ގޭޓު 2 އަދި ގޭޓް 3 ހުންނަ ސަރަހައްދުގައި ޑިއުޓީ ފްރީ ފިހާރައެއް ހުޅުވައިފިއެވެ.
މިއަދު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ޑިޕާޗާ ގޭޓުތައް ކައިރީގައި ޑިއުޓީ ފްރީ ފިހާރަ ހުޅުވައިދެއްވީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިންގް ޑިރެކްޓަރު އާދިލް މޫސާއެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ޑިޕާޗާސްއަށް ހަ ގޭޓެއް ހުރެ އެވެ. ގޭޓު 1، 2 އަދި 3 ގްރައުންޑް ފްލޯގައި ހުންނަ އިރު، ގޭޓު 4، 5، އަދި 6 ހުންނަނީ ފުރަތަމަ ފަންގިފިލާގައެވެ.
އައިއެންއައިއޭގެ ޑިޕާޗާގައި ޑިއުޓީފްރީ ފިހާރައެއް ހުޅުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މިއަދު ހުޅުވި ޑިއުޓީ ފްރީ ފިހާރައަކީ، ގްރައުންޑް ފްލޯގައި ހުޅުވި މިފަދަ ފުރަތަމަ ޑިއުޓީ ފްރީ ފިހާރައެވެ. މީގެ ކުރިން ގްރައުންޑް ފްލޯގައި ހުންނަނީ ސްވެންސެންސް ރެސްޓޯރަންޓްގެ ސްޓޯލެއް އެކަންޏެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިންގް ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ، އެއާޕޯޓުގެ އާ އިންޓަނޭޝަނަލް ޓާމިނަލް އެޅުމުން ޑިޕާޗާ ގޭޓުތައް ވެސް ބޮޑު ކުރެވޭނެ ކަމަށެވެ.
"މަތީގައި ހުރި ގޭޓު 4، ގޭޓު 5 އަދި 6، މިހާރު ހުރި ގޭޓު 1، 2 އަދި 3 އާ ޖެހިގެން އިމާރާތް ކުރުމުގެ މަސައްކަތް ކުރިޔަށް އެބަ ގެންދަން، ކުރިޔަށް އޮތް މަދު މަސްތަކެއްގެ ތެރޭގައި އެމަސައްކަތް ނިންމާލެވޭނެ،" އާދިލް ވިދާޅުވިއެވެ.
އައިއެންއައިއޭގެ ޑިޕާޗާގައި ޑިއުޓީފްރީ ފިހާރައެއް ހުޅުވުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ
އާދިލް ވިދާޅުވީ، އެމަސައްކަތް ނިމުމުން އެދިމާލުގައި ވެސް ޑިއުޓީ ފްރީ ފިހާރަތަކެއް އިތުރަށް ގާއިމު ކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން، މިއަދު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ބައެއް ސަރަހައްދުތަކުގައި ވައިފައި އިންޓަނެޓު ހިލޭ ލިބޭ ޚިދުމަތް ވަނީ އިފްތިތާހު ކޮށްފައެވެ.
އެގޮތުން، އިންޓަނޭޝަނަލް އެރިވަލް ޓާމިނަލާއި، ޑޮމެސްޓިކް ޓާމިނަލްގެ އިތުރުން އެއާޕޯޓުގެ ގްރައުންޑް ފްލޯގައި މިއަދުން ފެށިގެން ހިލޭ ވައިފައިގެ ޚިދުމަތް އާންމުކޮށް ލިބޭނެއެވެ.