ވާދަވެރި ކުޅުމަކަށްފަހު ރާއްޖޭގެ ޒުވާން އަންހެން ހޭންޑްބޯޅަ ޓީމުގެ ބައިނަލްއަގުވާމީ ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.

އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަން (އައިއެޗްއެފް) އިން އިންތިޒާމްކޮށްގެން ބަންގްލަދޭޝްގައި ކުރިއަށްގެންދާ އައިއެޗްއެޗްއެފް ޓްރޮފީގައި ރާއްޖޭގެ އަންހެން ޓީމު ކުޅުނު ފުރަތަމަ މެޗުން ބަލިވެފައިވަނީ ނޭޕާލް އަތުންނެވެ.

އެ މެޗުން ރާއްޖޭގެ އަންހެން ޓީމު ބަލިވެފައިވަނީ 7-28 ލަނޑުގެ ނަތީޖާއަކުންނެވެ. ނޭޕާލްގެ ސީނިއާ ކުޅުންތެރިންތަކެއް ހިމަނައިގެން ކުޅުނު އެ މެޗުގައި ރާއްޖޭގެ ޒުވާން އަންހެން ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ.

އައިއެޗްއެފް ޓްރޮފީގައި ރާއްޖޭގެ އަންހެން ޓީމާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ރާއްޖޭގެ ޓީމު ބަލިވެފައިވަނީ 28-7 ލަނޑުން --- ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް

އެ މުބާރާތުގައި ރާއްޖޭގެ ޒުވާން ފިރިހެން ޓީމު ވެސް ވާދަކުރެއެވެ. މުބާރާތުގައި ރާއްޖޭގެ ފިރިހެން ޓީމު ވަނީ މިއަދު ޕާކިސްތާނާ ދެކޮޅަށް ވަނީ ނުކުމެފައެވެ. ވަރުގަދަ ޕާކިސްތާންއާ ދެކޮޅަށް ކުޅުނު އެ މެޗުން ރާއްޖޭގެ ޓީމު ބަލިވެފައިވަނީ 10-35 ލަނޑުގެ ނަތީޖާއަކުންނެވެ.

އެ މުބާރާތުގައި ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުގެ މެޗެއް މާދަމާ ވެސް ކުޅުމަށް ހަމަޖެހިފައިވެއެވެ. ރާއްޖޭގެ ފިރިހެން ޓީމު މާދަމާ ޕާކިސްތާނާ ދެކޮޅަށް ނުކުންނަ އިރު، އަންހެން ޓީމު ނުކުންނަން ޖެހޭނީ ޕާކިސްތާނާ ދެކޮޅަށެވެ.

އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަންގެ ފަރާތުން ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ އައިއެޗްއެފް ޓްރޮފީގައި ރާއްޖޭގެ ފަރާތުން މި އަހަރު ވާދަކުރަނީ 19 އަހަރުން ދަށުގެ އަންހެން ޓީމަކާއި 20 އަހަރުން ދަށުގެ ޓީމެކެވެ.

އައިއެޗްއެފް ޓްރޮފީގައި ވާދަކުރާ ރާއްޖޭގެ ޓީމު: އެ މުބާރާތުގައި ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމު ކުޅުނު ފުރަތަމަ މެޗުތަކުގައި ވަރުގަދަ ޓީމުތަކަކާ ދެކޮޅަށް ނުކުމެ، ރަނގަޅު ކުޅުމެއް ދައްކާފައިވޭ --- ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް

އައިއެޗްއެފް ޓްރޮފީގައި ރާއްޖޭގެ ފިރިހެން ޓީމުގައި ހިމެނި ކުޅުންތެރިންގެ ތެރޭގައި ބ. ގޮއިދޫގައި ސްކޫލްގެ ތިން ދަރިވަރުން ހިމެނޭ އިރު، އަންހެން ޓީމުގައި ވެސް އެ ސްކޫލްގެ ދަރިވަރެއް ހިމެނެ އެވެ. ފިިރިހެން ޓީމުގެ ހަތަރު ކުޅުންތެރިން ފިޔަވާ ދެން ހިމެނޭ ހުރިހާ ކުޅުންތެރިންނަކީ ސްކޫލްތަކުގައި ކިޔަވަމުންދާ ދަރިވަރުންނެވެ. އަދި އަންހެން ޓީމުގައި ހިމެނޭ އެއް ކުޅުންތެރިޔަކު ފިޔަވާ ދެން ހިމެނޭ ހުރިހާ ކުޅުންތެރިންނަކީ ކިޔަވަމުންދާ ދަރިވަރުންނެވެ.

އެ މުބާރާތުގައި ރާއްޖޭގެ ފިރިހެން ޓީމު އޮތީ ޕާކިސްތާނާއި، އަފްޣާނިސްތާން އަދި ނޭޕާލާ އެކު 'ގްރޫޕް އޭ'ގައެވެ. ރާއްޖޭގެ އަންހެން ޓީމު އޮތީ ނޭޕާލާއި، އިންޑިއާ އަދި ޕާކިސްތާންއާ އެކު 'ގްރޫޕް ބީ'ގައެވެ.

އެ މުބާރާތް ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ބަންގްލަދޭޝްގެ ޑާކާގައެވެ.