09 Oct 2016, 16:38
ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ ޕީޕީއެމްގެ ތެރޭގައި ހުރި މައްސަލަތައް ހައްލުކުރުމުގެ ގޮތުން، ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އަދި ރައީސް އަބްދުﷲ ޔާމީނާ ބައްދަލު ކުރެއްވުމަށް އެ ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުން ނިންމައިފި އެވެ.
ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު "ސަން"އަށް މިއަދު ވިދާޅުވީ، އެ ނިންމުން ޕީޖީ ގުރޫޕުން ނިންމީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. އަދި ވިދާޅުވީ އެ ބައްދަލު ކުރެއްވުން އޮންނާނީ ރައީސް ޔާމީނާއި ރައީސް މައުމޫނާ ދެބޭފުޅުންނާ އެކުގައި ކަމަށެވެ.
"އަޅުގަނޑުމެން އަދި ވަކި ދުވަހެއް ނުނިންމަން. ދުވަހެއް ނިންމާނީ، ރައީސް ޔާމީން މާދަމާ ފުވައްމުލަކަށް ވަޑައިގަންނަވާނެ. އެހެންވީމަ ރައީސް ޔާމީން މާލެ ވަޑައިގަތުމުން އަޅުގަނޑުމެން ދުވަހެއް ކަނޑައަޅާނީ. ދެން ރައީސް މައުމޫނަކަށް ވެސް އަޅުގަނޑުމެން ރަސްމީކޮށެއް އަދި ނާންގަން،" ރިޔާޒު ވިދާޅުވި އެވެ.
ޕީޕީއެމް އޮފީހުގެ އިސް އޮފިޝަލަކު "ސަން" އަށް މިއަދު ވިދާޅުވީ، އެޕާޓީގެ ޕީޖީ ގުރޫޕުން އެފަދަ ނިންމުމެއް ނިންމި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް ރަސްމީކޮށް އެކަމުގެ މައުލޫމާތެއް ޕާޓީގެ އޮފީހަށް އަދި ފޮނުވާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ ޕީޖީ ގުރޫޕުން އެފަދަ ނިންމުމެއް ނިންމާފައި އެވަނީ އެޕާޓީގެ ރައީސް މައުމޫން ޕާޓީގެ ކައުންސިލް މެމްބަރުން ތިއްބަވާ ވައިބާ ގުރޫޕަކަށް އިއްޔެ ފޮނުއްވި މެސެޖަކާ ގުޅިގެން ކަމަށް ބެލެވެ އެވެ.
އެ މެސެޖުގައި ރައީސް މައުމޫން ވިދާޅުވީ، އެޕާޓީގެ ކައުންސިލް ބައްދަލުވުމެއް ދެން ބޭއްވޭނީ މިދިޔަ ޖުލައި މަހުގެ 19ވަނަ ދުވަހުގެ ރޭ ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި އެމަނިކުފާނާ ދެކޮޅަށް ބަޣާވާތްކޮށް ކައުންސިލުން ނުކުމެވަޑައިގެން ކައުންސިލްގެ ކޯރަމް ގެއްލުވާލައި ޕާޓީގެ އަގު ވެއްޓޭ ގޮތަށް މީޑިއާގައި ވާހަކަފުޅު ދެއްކެވި މެމްބަރުން އެކަން ކަމަށް މާފަށް އެދިވަޑައިގަތުމުން ކަމަށެވެ.
ރައީސް މައުމޫން އެހެން އަންގަވާފައި މިވަނީ، ސިޔާސީ ޕާޓީތަކާ އެކު ސަރުކާރާ މަޝްވަރާ ކުރުމަށް ޕާޓީތަކުން ހުށަހަޅާ ނަންތައް ފާސްކުރަން ވާނީ ޕާޓީގެ ކައުންސިލުން ކަމަށް ސަރުކާރުން ބުނެފައި ވަނިކޮށެވެ.
ސަރުކާރުން ސިޔާސީ ޕާޓީތަކާ އެކު ބާއްވަން ނިންމާފައިވާ މަޝްވަރާތަކުގައި ޕީޕީއެމްގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް ކަމަށް އެ ޕާޓީން ވަނީ ރައީސް އޮފީހަށް އަންގާފައެވެ.
ޕީޕީއެމްގެ ތެރޭގައި އުފެދިފައިވާ މައްސަލައަށް އަދިވެސް ވަނީ ހައްލެއް ލިބޭގޮތް ނުވެފައެވެ.
ޕީޕީއެމްގެ ކައުންސިލް ބައްދަލުވުން ނުބާއްވާތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް އެޕާޓީގެ ރައީސް މައުމޫން ޕާޓީގެ ކައުންސިލް ބައްދަލުވުން ބާއްވާފައި ވަނީ ޖުލައި މަހުގެ ތެރޭގައެވެ. ނަމަވެސް އެ ބައްދަލުވުމުގައި ރައީސް ޔާމީނަށް ތާއީދުކުރައްވާ މެންބަރުން ކައުންސިލް ބައްދަލުވުން ދޫކުރައްވައި ބޭރަށް ނުކުމެ ވަޑައިގަތުމުން އެ ބައްދަލުވުމުގެ ކޯރަމް ގެއްލުމާއެކު ބައްދަލުވުން ވަނީ ނިންމާލައިފައެވެ.
ކައުންސިލް ބައްދަލުވުން ދޫކުރައްވައި އެބޭފުޅުން ނުކުމެވަޑައިގަތް ސަބަބެއް ކަމަށް ވިދާޅުވީ ޕާޓީގެ ސުލޫކީ ކޮމެޓީން ފިވަޔަޅު އަޅައި، ޕާޓީން ވަކި ކުރައްވާފައިވާ ދެ ބޭފުޅުން ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ކައުންސިލް މެމްބަރު އައިމިނަތު ނާދިރާ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމުން ކަމަށެވެ.