ހަނޯއި(އޮކްޓޫބަރު 9): އީރާނުގެ ރައީސް ހަސަން ރޫހާނީ ދެކުނު އޭޝިޔާގެ ބައެއް ގައުމުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވިއެޓްނާމަށް ޒިޔާރަތް ކުރެއްވުމަށްފަހު މެލޭޝިޔާއަށް ވަޑައިގެންފިއެވެ.

ވިއެޓްނާމަށް ކުރެއްވި ދެދުވަހުގެ ދަތުރުފުޅުގައި ރޫޙާނީ ވަނީ، ވިއެޓްނާމުގެ ރައީސް ޓްރަންޑައިކުވާންގް އާ ހަނޯއިގައި ބައްދަލުކުރައްވާފައެވެ. ވިއެޓްނާމުގެ ލީޑަރުންނާ ރޫހާނީ ކުރެއްވި މަޝްވަރާތައް މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ އިގްތިސާދާއި ވިޔަފާރިއާއި އިންވެސްޓްމަންޓްތަކުގެ މައްޗަށެވެ. އީރާނަކީ އެމެރިކާއާއި ޔޫރަޕުން އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް މިހާރު ލިބެމުންދާ ލުއިތަކާއެކު އިގްތިޞާދު ހަރުދަނާ ކުރުމަށް މަސައްކަތްކުރާ ގައުމެކެވެ.

ވިއެޓްނާމަކީ ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކުގެ ތެރޭން އިގްތިޞާދީ ގޮތުން އެންމެ ހަލުއިކަމާއެކު ކުރިޔަށްދާ އެއްގައުމެވެ. ރޫހާނީގެ ދަތުރުފުޅުގައި އީރާނާއި ވިއެޓްނާމާ ދެމެދު ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި ދެގައުމު ގުޅިގެން ދަނޑުވެރިކަމާއި މަސްވެރިކަން ތަރައްގީކުރުމާއި އެއްގައުމުގެ އުފެއްދުންތައް އަނެއްގައުމަށް އެކްސްޕޯޓްކުރާ މިންވަރު މިހާރަށްވުރެ ފަސްގުނަ އިތުރުކުރުން ހިމެނެއެވެ.

މިހާރު ދެގައުމުގެ ދެމެދުގައި ބަދަލުކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގެ މިންވަރަކީ އަހަރަކު އެއްބިލިޔަން ޑޮލަރެވެ. މިއަދަދު ކުރިޔަށްއޮތް ދިހަ އަހަރު ތެރޭގައި ފަސްބިލިޔަން ޑޮލަރަށް މަތިކުރުމަށް ދެގައުމުގެ މަސްއޫލުވެރިންވަނީ އެއްބަސްވެ ވަޑައިގެންފައެވެ.

ވިއެޓްނާމަކީ އެގައުމުގެ ކުރިއަރަމުން ދާ ސިނާއަތާއި އުމްރާނީ ތަރައްގީ އިތުރަށްފުޅާ ކުރުމަށްޓަކައި ހަކަތައިގެ ބޭނުން ވަރަށްބޮޑަށް ކުރަންޖެހިފައިވާ ގައުމެކެވެ. އެހެންކަމުން އީރާނުން އުފައްދާ ތެލާއި ގުދްރަތީ ގޭސް ވިއެޓްނާމަށް ވިއްކުމާބެހޭގޮތުންވެސް ދެގައުމުގެ މަސްއޫލުވެރިން ވަނީ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ. އަދި ދެގައުމުގެ އިލްމީ މުއައްސަސާތައް ގުޅިގެން ސައެންޓިފިކް ރީސާޗްތައް ކުރުމާއި ވިއެޓްނާމުގައި ޑޭމްތަކާއި މަގުތައްފަދަ މަދަނީ އިންފްރާސްޓަރަކްޗަރ ބިނާކުރުމުގައި އީރާނުގެ ކުންފުނިތަކަށް ފުރްސަތު ދިނުމަށްވެސް ދެގައުމުގެ ލީޑަރުންވަނީ އެއްބަސްވެ ވަޑައިގެންފައެވެ. މީގެއިތުރުން ދެގައުމުގެ ދެމެދުގައި ވައިގެ ދަތުރުތައް ފުޅާކޮށް ފަތުރުވެރިކަން އާލާކުރުމަށް ވެސް ދެގައުމުންވަނީ އެއްބަސްވެފައެވެ.

ވިއެޓްނާމަކީ ސޮފްޓްވެއަރ އެކްސްޕޯޓްކުރާ ގައުމަކަށްވާތީ މިދާއިރައިން ވިއެޓްނާމުގެ ތަޖްރިބާ ހޯދުމާބެހޭ އެއްބަސްވުމެއްގައި އީރާނުންވަނީ އެގައުމާއެކު ސޮއިކޮށްފައެވެ. ވިއެޓްނާމަށް ކުރެއްވި ދަތުރުފުޅަށްފަހު އީރާނުގެ ރައީސް މިހާރުވަނީ މެލޭޝިޔާއަށް ވަޑައިގެންފައެވެ.

އީރާނުގެ އިސްލާމީ ޖުމްހޫރީ ނޫސްއެޖެންސީން ޚަބަރު ދޭގޮތުގައި މެލޭޝިޔާގެ ލީޑަރުންނާ ރޫޙާނީ ކުރައްވާ މަޝްވަރާތައްވެސް މައިގަނޑު ގޮތެއްގައި ބިނާކުރައްވާނީ އިގްތިސާދާއި ވިޔަފާރިއާއި އިންވެސްޓްމަންޓްތަކުގެ މައްޗަށެވެ.

މެލޭޝިޔާއަކީ ސިނާއަތާއި އުފެއްދުތެރިކަމުގައި ވަރަށް ބޮޑަށް ކުރިއަރާފައިވާ ގައުމަކަށްވާތީ މެލޭޝިޔާގެ އިގްތިޞާދީ ކުރިއެރުމުގެ ތަޖްރިބާ ދެނެގަތުމަށް ޝައުގުވެރިކަން ހުރިކަން ރޫޙާނީ ވަނީ ހާމަކުރައްވާފައެވެ. މީގެއިތުރުން ފަލަސްތީނުގެ މައްސަލައާއި ސޫރިޔާގެ މައްސަލައާ އަދި ޔަމަނުގެ މައްސަލަފަދަ ބައިނަލްއަގްވާމީ ބޮޑެތި މައްސަލަތަކާބެހޭގޮތުންވެސް އީރާނުގެ ރައީސް މެލޭޝިޔާގެ ބޮޑުވަޒީރާ މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

މީގެއިތުރުން އިސްލާމީ ދުނިޔެއަށް ކުރިމަތިވެފައިވާ މަޛްހަބީ އަރާރުންތަކާއި ސުންނީ ޝިޔައީ ކޯޅުންތަކުގެ މައްސަލަތައް ހައްލުކުރުމާބެހޭގޮތުންވެސް ދެގައުމުގެ ލީޑަރުން މަޝްވަރާ ކުރައްވާނެ ކަމަށް ޚަބަރުތައް ބުނެއެވެ. (އީރާނުގެ މީޑިޔާ)