09 Oct 2016, 19:00
ޅ. ނައިފަރު މަދަރުސަތުލް އިފްތިތާހުގައި އިމާރާތްކުރާ ތިން ބުރީގެ އިމާރާތް އެޅުމަށް ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު މެންދުރު އޮތް ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީނިއާ ޕޮލިސީ އެގްޒެކްޓިވް އިބްރާހިމް އިސްމާއިލް އެވެ. އަދި ސްވިފްޓް އިންޖިނިއަރިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ރައްޔިތުން މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އެވެ.
ދިހަ ކުލާސްރޫމާއި ސްޓާފްރޫމަކާއި އޭވީ ރޫމެއް ހިމެނޭ ތިން ބުރީގެ އެ އިމާރާތަށް ތޭރަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. އެ މިނިސްޓްރީން ބުނީ އެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ހަވާލުކުރި ކުންފުނީގެ ފަރާތުން ނިންމާލާނެ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިބްރާހިމް އިސްމާއިލް ވިދާޅުވީ އުއްމީދު ކުރަނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހު އިމާރާތުގެ މަސައްކަތް މުޅިން ނިމި، 2018ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓާގެ ކިޔެވުން ފެށޭއިރު އެ އިމާރާތުގެ ބޭނުން ކުރެވެން ފެށޭނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސްކުރި 2016ވަނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީގެ މަޝްރޫއުގެ ތެރެއިން ތައުލީމީ ދާއިރާއަށް ކަނޑައަޅާފައިވާ ބަޖެޓަކީ 359.72 މިލިއަން ރުފިޔާ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަދު ސޮއިކުރި ޕްރޮޖެކްޓާ އެކު މުޅި ޖުމުލަ 49 ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އޭގެތެރޭގައި 319 ކުލާސްރޫމާއި 12 ހޯލާއި އަދި ސުކޫލުތަކަށް ބޭނުންވާ އެހެނިހެން 23 އުމްރާނީ ވަސީލަތްތައް ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އެގޮތުން މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ޖުމުލަ އަދަދަކީ 316 މިލިއަން ރުފިޔާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ މިހާރުވެސް ޖުމުލަ 22 ޕްރޮޖެކްޓެއް އިއުލާނުކޮށް އެވޯޑުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެއީ 153 ކުލާސްރޫމާއި ހަތް ހޯލާއި އަދި ސުކޫލުތަކަށް ބޭނުންވާ އެހެނިހެން 24 އުމްރާނީ ވަސީލަތްތަކެވެ. އެ މަސައްކަތްތަކަށް 80.2 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.