09 Oct 2016, 14:58
ރޭގަނޑު ދަންވަރު މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ފޭސްބުކްގައި ހުޅުވައިގެން އުޅޭ "މިޑް ނައިޓް ޝޮޕް" 10،000 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.
ރެޖިސްޓްރީ ނުކޮށް ވިޔަފާރި ކުރަމުން ދާތީ މިޑް ނައިޓް ޝޮޕް 10،000 ރުފިޔާއިން ޖޫރިމަނާ ކުރިކަން އިކޮނޮމިކް މިނިސްޓްރީން ޔަގީން ކޮށްދެ އެވެ.
ވިޔަފާރި ރެޖިސްޓްރީ ކުރުމުގެ ގަވާއިދުގެ ތިން ވަނަ މާއްދާގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި އެއްވެސް ފަރާތަކުން ވިޔަފާރި ހިންގަންވާނީ ވިޔަފާރިކުރާ ތަންތަނުގެ ގޮތުގައި ރެޖިސްޓްރީ ކޮށްގެން ކަމަށެވެ. އެ ގަވާއިދުގެ 14 ވަނަ މާއްދާގެ ދަށުން، ރެޖިސްޓްރީ ނުކޮށް ވިޔަފާރި ކުރާނަމަ 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.
މިޑް ނައިޓް ޝޮޕަށްގުޅައިގެން އޯޑަރު ދިނުމުން ރޭގަނޑު 11:00 އިން ފަތިހު ހައެއް ޖަހަންދެން ގޭގެއަށް ކާތަކެތި ފޯރުކޮށްދެއެވެ.
ދާދި ފަހުން ސައިހޮޓާ ރެސްޓޯރެންޓު ހިންގުމުގެ ގަވާއިދަށް ގެނައި އިސްލާހުގައި ވާގޮތުން ރޯދަ މަހު ފިޔަވައި ރޭގަނޑު 12 އިން ފެށިގެން ފަތިހު 4:30 އަށް ސައި ހޮޓާ ރެސްޓޯރެންޓު ހުޅުވާފައި ބެހެއްޓުމަކީ ކުށެކެވެ.