އެރިޒޯނާ : އެމެރިކާގެ އެރިޒޯނާ ސްޓޭޓްގެ އިރުމަތީގައިވާ ޖަންގަލީތަކުގައި ރޯވެ އަނދަމުންދާ އަލިފާންގަނޑު ކޮންޓްރޯލުން ނެއްޓި މިއަދު އެކަނިވެސް 193 އޭކަރުގެ ސަރަޙައްދެއް އަނދައި ހުލިވެއްޖެ ކަމަށް އެސްޓޭޓުން ހާމަކޮށްފިއެވެ.

އެރިޒޯނާގެ މަސްއޫލުވެރިން ހާމަކުރައްވާ ގޮތުގައި އަލިފާންގަނޑު އަނދަމުން ދަނީ އެރިޒޯނާއާއި ނިޔުމެކްސިކޯގެ ސަރަޙައްދީ ރޮނގު ގުޅިފައިވާ ހިސާބުގައެވެ. އަލިފާންގަނޑު އުފެދުނީ އެރިޒޯނާގެ އިރުއުތުރުގެ ފީނިކްސް ސަރަޙައްދުގައި ކަމަށް ވިޔަސް މިހާރު އަލިފާންގަނޑު ފުޅާވެ ނިއުމެކްސިކޯއާއި ކޮލޮރާޑޯ އަށް ވެސްވަނީ ދުމުގެ އަސަރު ފޯރާފައެވެ.

އަލިފާން ނިއްވުމުގައި އެމެރިކާއަށް ލިބިފައިވާ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އަލިފާން ނިއްވުމުގެ ތަމްރީން ލިބިފައިވާ 2300 މީހުން ލަޝްކަރަކުން އަލިފާނާ ދެކޮޅަށް ކުރި މަސައްކަތުން ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބިފައިވާކަމަށް އެސްޓޭޓުން ބުނެއެވެ.

އެރިޒޯނާގެ ޖަންގަލީގައި އަނދަމުންދާ އަލިފާންގަނޑު ފެތުރެމުންދަނީ ގަނޑިއަކު 72 ކިލޯމީޓަރުގެގަދަ އަދި ހޫނު ވަޔާއެކުގައެވެ. އެހެންކަމުން އަލިފާންނިއްވާ 2300 މީހުން ލަޝްކަރު އެންމެ ބޮޑަށް މަސައްކަތް ކުރަމުންގެންދަނީ ލޫނާ، ނިއުމެކްސިކޯ، އެލްބައިން، ނުޓްރިޔޮސޯ މިރައްތައް އަލިފާނުގެ ނުރައްކަލުން ސަލާމަތް ކުރުމަށް ކަމަށް އެރިޒޯނާގެ މަސްއޫލުވެރިން ވިދާޅުވެއެވެ.

މީގެ ހައެއްކަ ދުވަސްކުރިން ރޯވި މިއަލިފާނުގައި މިހާތަނަށް ޖުމްލަ 1000 އޭކަރުގެ ޖަންގަލި އަނދާފައިވާ ކަމަށް ޚަބަރުލިބެއެވެ. -- ރޮއިޓާސް