ތައުލީމީ ގޮތުން ރާއްޖޭގައި ފާހަގަކޮށްލެވޭ ސްކޫލެއް ކަމަށްވާ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންނަށް ފާތިމަތު ނަޝާ އަލީ އަދި އައިމިނަތު ރިފްޒާ ހޯދައިފި އެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި އެ ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި، ސެކަންޑަރީން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ނަޝާ އަކީ އޯލެވެލް އިމްތިހާނުގައި ގައުމީ ގަދަ 10 އަކުން އެއްވަނަ ހޯދާފައިވާ ދަރިވަރެކެވެ.

ހަޔާ ސެކަންޑަރީން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ރިފްޒާ ވަނީ އޭ ލެވެލް އިމްތިހާނުން ގައުމީ ގަދަ 10 އަކުން ދެ ވަނަ ހޯދާފައެވެ.

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އަހަރީ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ހަޔާ ސެކަންޑަރީން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ރިފްޒާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރެވެ.

އަހުމަދިއްޔާ ސްކޫލުން މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި 217 ދަރިވަރުން ބައިވެރިވެފައިވާއިރު، 201 ދަރރިވަރުން ވަނީ ފަސް މާއްދާއިން ފާސްވެފައެވެ. އެއީ 92 ޕަސެންޓެވެ.

އޯލެވެލްގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން އެ ސްކޫލުގެ 45 ދަރިވަރަކު އޯލެވެލް ގައުމީ ގަދަ 10ގައި ވެސް ހިމެނުނުއިރު، ތިން ދަރިވަރަކު ވަނީ ޓްރެވަލް އެންޑް ޓޫރިޒަމް މާއްދާއިން ދުނިޔޭގެ ގަދަ ދިހައެއްގައި ވެސް ހިމެނިފައެވެ.