އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަން (އައިއެޗްއެފް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އައިއެޗްއެފް ޓްރޮފީގެ ފުރަތަމަ މެޗުގައި ޕާކިސްތާނުގެ ވަރުގަދަ ޓީމު އަތުން ރާއްޖޭގެ ފިރިހެން ހޭންޑްބޯޅަ ޓީމު ބަލިވެއްޖެ އެވެ.

ބަންގްލަދޭޝްގައި ކުރިއަށްދާ އެ މުބާރާތުގެ ފުރަތަމަ މެޗުން ރާއްޖޭގެ ޓީމު ބަލިވެފައިވަނީ 35-10 ލަނޑުންނެވެ.

މިއަދު ކުޅުނު އެ މެޗުގައި ރާއްޖޭގެ ޒުވާން ހޭންޑްބޯޅަ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންގޮސްފައިވެ އެވެ. އެ މެޗުން މޮޅުވި ޕާކިސްތާނުގެ 20 އަހަރުން ދަށުގެ ޓީމަކީ 2014 ވަނަ އަހަރުގެ އައިއެޗްއެފް ޓްރޮފީގެ ޗެމްޕިއަނުންނެވެ. އޭގެ އިތުރުން މި އަހަރު ވިއެޓްނާމުގައި އޮތް ބީޗް ގޭމްސްގެ ތިން ވަނަ ވެސް އެ ޓީމު ހޯދާފައިވެ އެވެ.

އައިއެޗްއެފް ޓްރޮފީގައި ރާއްޖޭގެ ފިރިހެން ޓީމާއި ޕާކިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ރާއްޖެ ބަލިވެފައިވަނީ 10-35 ލަނޑުން --- ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް

އެ މުބާރާތުގައި ރާއްޖޭގެ އަންހެން ހޭންޑްބޯޅަ ޓީމު ކުޅޭ ފުރަތަމަ މެޗު މިއަދު ކުރިއަށްދާނެ އެވެ. އެ މެޗުގައި ރާއްޖޭގެ ޓީމު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.

އެ މުބާރާތުގައި ރާއްޖޭގެ ފިރިހެން ޓީމު އޮތީ ޕާކިސްތާނާއި، އަފްޣާނިސްތާން އަދި ނޭޕާލާ އެކު 'ގްރޫޕް އޭ'ގައެވެ. ރާއްޖޭގެ އަންހެން ޓީމު އޮތީ ނޭޕާލާއި، އިންޑިއާ އަދި ޕާކިސްތާންއާ އެކު 'ގްރޫޕް ބީ'ގައެވެ.

އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަންގެ ފަރާތުން ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ އައިއެޗްއެފް ޓްރޮފީގައި ރާއްޖޭގެ ފަރާތުން މި އަހަރު ވާދަކުރަނީ 19 އަހަރުން ދަށުގެ އަންހެން ޓީމަކާއި 20 އަހަރުން ދަށުގެ ޓީމެކެވެ.

އެ މުބާރާތް ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ބަންގްލަދޭޝްގެ ޑާކާގައެވެ.