ވޯލްޑްކަޕް ކޮލިފައިންގައި އިނގިރޭސިނާއި މޯލްޓާ ރޭ ކުޅުނު މެޗު ބެލުމަށް ރޮބާޓޯ މަންޗިނީ ވެމްބްލީ ސްޓޭޑިއަމަށް ގޮސްފައިވާއިރު، އޭނާ ވެސް އިނގިރޭސި ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް ޝައުގުވެރިވާ ކަމުގެ އަޑުތައް ފެތުރެން ފަށައިފިއެވެ.

މެޗުގެ ފުރަތަމަ ހާފްގައި ޑެނިއަލް ސްޓަރިޖާއި ޑެލެ އަލީ ކާމިޔާބުކޮށްދިން ދެ ލަނޑުން 2-0ގެ ނަތީޖާ އަކުން މޯލްޓާގެ މައްޗަށް އިނގިރޭސީން ކުރިހޯދި މެޗުގައި އެ ޓީމަށް އިރުޝާދު ދީފައިވަނީ މިއަހަރުގެ ނިޔަލަށް ވަގުތީ ގޮތުން ކޯޗުގެ މަގާމަށް ގެނައި ގަރެތު ސައުތުގޭޓެވެ.

އިނގިރޭސި ކޯޗުގެ މަގާމަށް ސެމް އެލަޑީސް ހަވާލުވިތާ 67 ދުވަސްތެރޭގައި އެނާވަނީ މަގާމުން އިސްތިއުފާ ދީފައެވެ. އޭނާ އިސްތިއުފާ ދިނީ ސިއްރު ނޫސްވެރިންތަކެއްގެ މަޅީގައި ޖެހި މަގާމުން އިސްތިއުފާ ދިނުމަށް މަޖުބޫރުވުމުންނެވެ.

އިނގިރޭސި މީޑިއާތަކުން ވަނީ މީގެ ކުރިން އެގައުމުގެ ކުރީގެ ކުޅުންތެރިޔާ އަދި ބޯންމައުތުގެ ކޯޗުގެ މަގާމްގައި ހުރި އެޑީ ހޯވް އާއި އާސެނަލްގެ ފްރާންސް ކޯޗު އާސެން ވެންގާއާ އެފްއޭއިން ވާހަކަ ދައްކަމުން އަންނަ ކަމަށް ރިޕޯޓް ކޮށްފައެވެ.

އެ ދެ ކޯޗުންގެ އިތުރުން އިނގިރޭސިންގެ ކޯޗުގެ މަގާމަށް އަންނާނެ ފަރާތެއްގެ ގޮތުގައި އިޓަލީގެ މަންޗިނީގެ ނަން ވެސް އިނގިރޭސި މީޑިއާތަކުން ފާހަގަ ކުރަމުންދާ އިރު އޭނާ މިވަގުތު ހުރީވެސް ވަޒީފާއެއްގެ އިންތިޒާރުގައެވެ.

އިޓަލީގެ ގައުމީ ޓީމަށް 36 މެޗު ކުޅެދީފައިވާ މަންޗިނީ ވަނީ 2001 ވަނަ އަހަރު ލޯނު އެއްބަސްވުމެއްގެ ދަށުން އިނގިރޭސި ޗެމްޕިއަން ލެސްޓާ ސިޓީއަށް ހަތަރު މެޗު ކުޅެދީފައެވެ.

ކުޅުން ހުއްޓާލުމަށް ފަހު އިޓަލީގެ ފިއޮރެންޓީނާއިން ކޯޗިން ކެރިއަރު ފެށި މަންޗިނީ ވަނީ ލާޒިއޯ އާއި އިންޓަރ މިލާންގެ އިތުރުން ތުރުކީގެ ގަލަސަތަރާއީއަށް ވެސް ކޯޗު ކަން ކޮށްދީފައެވެ. އިނގިރޭސި ކުލަބު މެންޗެސްޓާ ސިޓީއަށް ވެސް ކޯޗުކަން ކޮށްދިން މަންޗިނީ ވަނީ އެ ކުލަބާ އެކު 2011-12 ސީޒަން ވެސް ސިޓީއަށް ކާމިޔާބު ކޮށްދީފައެވެ.