09 Oct 2016, 14:09
ފެމެލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު ސަސްޕެންޑު ކުރުމުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފި އެވެ.
ގާޒީ ހަސަން ސައީދު ސަސްޕެންޑް ކުރި ސަބަބެއް ކަމަށް ޖޭއެސްސީން ބުނެފައިވަނީ ހަސަން ސައީދާ ބެހޭގޮތުން އެ ކޮމިޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ ޝަކުވާއަކާ ގުޅިގެން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 38 ވަނަ މާއްދާގެ (ރ)ގެ ދަށުން ތަހުގީގު ކޮމެޓީން އެ މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ނިންމުމުން އެކަމާ ގުޅޭގޮތުން ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން ކަމަށެވެ.
އެކަމާ ގުޅިގެން ހަސަން ސައީދު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ މިހިނދަށް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ބުނެ މިމަހުގެ ފަސް ވަނަ ދުވަހު ސިޓީއަކުން ސިވިލް ކޯޓުގައި އެދިފައިވާ ކަމަށް ކޯޓު ހުކުމުގައިވެ އެވެ.
އެހެންކަމުން މައްސަލައިގެ ދައުވާ ފޯމު ބާތިލުކޮށްފައިވާ ކަމަށް ސިވިލް ކޯޓުން ވަނީ ބުނެފައެވެ.
ހަސަން ސައީދާ ދެކޮޅަށް ތަހުގީގު ކުރަމުން އަންނަ މައްސަލަ އަކީ ފެމެލީ ކޯޓުގެ ސީނިއާ މެނޭޖްމަންޓާއެކު ބޭއްވި ބައްދަލުވުމެއްގައި، ހައިކޯޓަށް އެންމެ ފަހުން ނެގި ފަނޑިޔާރުންނަކީ ދުނިޔޭގައި ތިބި އެންމެ ކޮރަޕްޓު ފަނޑިޔާރުން ކަމަށާއި، އެމީހުން އެ ހުރިހާ ކަމެއް ކުރަނީ ހިޔާބޮޑު ގަހެއްގެ ދަށުގައި ތިބެގެން ކަމަށް ދޭހަވާގޮތަށް ހަސަން ސައީދު ވާހަކަފުޅުދެއްކެވި ކަމަށް ބުނެ، ސުލޫކީ މައްސަލައެއްގެ ގޮތުގައި ހުށަހަޅާފައިވާ މައްސަލައެކެވެ.