ފުލުހުންގެ ބަންދުގައި ހުއްޓައި މަރުވި ހ. ފިލިކުރިގެ މޫސާ ނައީމް، 55، މަރުވި މައްސަލައިގެ ތަހުގީގު އަދި ނުނިމޭކަމަށް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ބުނެފިއެވެ.

މިދިޔަ އޯގަސްޓް މަހުގެ 30 ވަނަ ދުވަހު، މޫސަ މަރުވެފައިވަނީ ދޫނިދޫ ބަންދުގައި ހުއްޓައި ހާޓްއެޓޭކެއް ޖެހިގެން ކަމަށް ފުލުހުން ބުނެއެވެ.

ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ ރައީސް މުހައްމަދު ފަރުހާދު މިއަދު ސަން އަށް ވިދާޅުވީ، އެމައްސަލައިގެ ތަހުގީގަށް ބައެއް ހެކީންގެ ހެކިބަސް މިހާތަނަށް ނަގާފައިވާ ކަމަށެވެ.

އެމައްސަލައިގެ ތަހުގީގު ނުނިމި ވަނީ ބޭނުންވާ ބައެއް މައުލޫމާތުތައް ނުލިބޭތީ ކަމަށާއި ވީހާވެސް އަވަހަށް މައްސަލަ ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ފަރުހާދު ވިދާޅުވިއެވެ.

އިންޓަގްރިޓީ ކޮމިޝަނުން ވަނީ، މޫސަ ހުރި ގޮޅިއަށް ޒިޔާރަތްކޮށް އެތަންވެސް ބަލާފައެވެ.

އެ މަރާ ގުޅިގެން އާއިލާއިން ޝައްކުކުރާ ކަންތައްތަކެއް ހުރެ އެވެ. ނަމަވެސް އާއިލާއިން މީޑިއާއާ އެކަން ހިއްސާ ކުރަން ބޭނުމެއްނުވިއެވެ. އަދި މޫސަގެ ޕޯސްޓްމޯޓަމް ނުހަދާ ވަނީ ވަޅުލާފައެވެ.

މޫސަ މޯޗަރީގައި ބޭއްވިއިރު މޯޗަރީއާ ހަވާލުވެ ހުންނެވި ފަރާތަކުން ސަން އަށް މައުލޫމާތު ދިން ގޮތުގައި މޫސަގެ ހަށިގަނޑުގެ ބޭރުން ޒަހަމެއް ފެންނާކަށް ނެތެވެ.

މޫސަ ފުލުހުން ހައްޔަރުކޮށްފައި ވަނީ ރާއްޖެއަށް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި މިދިޔަ ޖުލައި މަހު ނުވަ ވަނަ ދުވަހު އެވެ. އޭނާގެ މައްޗަށް ކުރެވެނީ ރާއްޖެއަށް އަށް ކިލޯ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތެވެ.