ސައިކަލެއްގައި އައި ދެމީހަކު، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ އޮފިސަރަކަށް ތޫނު އެއްޗަކުން ބިރު ދައްކައި، އެ އޮފިސަރުގެ ގައިގައި ޖެހުމަށްފަހު އޭނާގެ ސައިކަލް ފޭރިގެންފި އެވެ.

މިއަދު ހެނދުނު 7:10 އެހާކަންހާއިރު އެ ހާދިސާ ހިނގީ ތާޖުއްދީނު ސުކޫލު ކައިރިންނެވެ.

ކަރެކްޝަނުން މިއަދު ބުނީ ފަހަކަށް އައިސް އަނެއްކާވެސް ޕްރިޒަން އޮފިސަރުންނަށް ބިރުދައްކަމުން ގެންދާ ކަމަށެވެ. އެގޮތުން މިިދިޔަ ހަފްތާގެ ތެރޭގައި ކަރެކްޝަނުގެ އޮފިސަރެއްގެ ބޮލުގައި ޕޭމަންޓު ގަލަކުން ބަޔަކު މީހުން ޖަހާފައިވާ ކަމަށް ކަރެކްޝަނުން ބުންޏެވެ.

މިއަދު ހެނދުނު ހިނގި ހާދިސާ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކަރެކްޝަނުން ބުނީ އެމްސީއެސްގެ އޮފިސަރުންނަށާއި މުވައްޒަފުންނަށް އަމާޒުކޮށް ބިރު ދައްކައި އަދި ގެއްލުން ދިނުމަކީ އެމްސީއެސްއިން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމެއް ކަމަށެވެ. އަދި އެމްސީއެސްގެ އޮފިސަރުންނަށާއި މުވައްޒަފުންނަށް މިފަދައިން ބިރު ދައްކައި ހެދިޔަސް، އެމީހުންގެ ޤާނޫނީ ވާޖިބު އަދާކުރުމުގައި ސާބިތުކަމާއެކު ދެމިތިބޭނެ ކަމަށް ކަރެކްޝަނުން ބުންޏެވެ.