ޓްރިޕޮލީ : ވެރިކަން ދޫކޮށްލައްވާފައި ލީބިޔާއިން ބޭރަށް ވަޑައިނުގަންނަވާނެ ކަމަށާ މަރުވަންދެން ހަނގުރާމަ ކުރައްވާނެ ކަމަށް ލީބިޔާގެ ޒަޢީމް ކާރނަލް މުޢައްމަރުލްޤައްޒާފީ ވިދާޅުވެއްޖެވެ.

ލީބިޔާގެ ރަސްމީ ޓީވީ ން ޤައުމާ މުޚާތަބު ކުރައްވައި އިއްޔެ ދެއްވި އޯޑިޔޯ ޚިތާބެއްގައި ގައްޒާފީ ވިދާޅުވީ ލީބިޔާގައި ހިނގަމުންދާ ހަނގުރާމައަކީ "ޚާއިނުންތަކެއް" ގެ އެހީތެރިކަމާއެކު ބޭރުގެ އިސްތިޢްމާރީ ބާރުތަކަކުން ލީބިޔާ ރައްޔިތުންނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައެއް ކަމުގައެވެ.

ގައްޒާފީ އިތުރަށް ވިދާޅުވީ ލީބިޔާގެ ރައްޔިތުންނާއި އޭނާގެ ކުރިމަތީގައިއޮތް ހަމައެކަނި ގޮތަކީ މަރުވަންދެން ހަނގުރާމަ ކުރުން ކަމަށާ ވެރިކަން ދޫކޮށްލައްވާފައި ޤައުމުން ބޭރަށް ވަޑައިގަތުމަކީ އަމާން ދިނުން ކަމަށާ ބޭރުގެ ފަރާތްތަކަށް އަމާން ދިނުމަށްވުރެ ޝަހީދުވުން މާރަނގަޅު ކަމުގައެވެ. އަދި ލީބިޔާގެ ރައްޔިތުންނަކީ ބޭރުގެ ބާރުތަކުގެ ކުރިމަތީގައި އަމާންދޭނެ ބައެއްނޫންކަމަށްވެސް ގައްޒާފީ ވިދާޅުވިއެވެ.

ގައްޒާފީ މިމޭރުމުން ވާހަކަ ދެއްކެވިއިރު ޗައިނާއާއި ރަޝިޔާގެ މަންދޫބުން ގެންދަނީ ލީބިޔާގެ މައްސަލަ ސުލްޙަވެރިކަމާއެކު ޙައްލުކުރެވޭނެ މަގެއް ހޯދުމަށް ގައްޒާފީގެ ސަރުކާރާއި އޭނާގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ލީބިޔާގެ އިދިކޮޅު ފަރާތްތަކާއެކު ވާހަކަ ދައްކަވަމުންނެވެ.

ލީބިޔާގެ މައްސަލައިގެ ޙައްލަކީ ވެރިކަން ދޫކޮށްލެއްވުމަށްފަހު ގައްޒާފީއާއި އޭނާގެ ޢާއިލާ ޤައުމުން ބޭރަށް ވަޑައިގަތުން ކަމަށް ލީބިޔާގެ އިދިކޮޅު ފަރާތްތަކާއި ބައިނަލްއަޤްވާމީ މުޖްތަމަޢުވެސް ދެކެއެވެ. ނަމަވެސް ގައްޒާފީ ގެންދަވަނީ ތަކުރާރުކޮށް މިކަމާ ދެކޮޅު ހައްދަވަމުންނެވެ.

ލިބިޔާއަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތައް އުފެދުނީ ގައްޒާފީގެ ވެރިކަމާ ދެކޮޅަށް ސުލްހަވެރިކަމާއެކު ނުކުތް ލީބިޔާގެ ހަތިޔާރުނެތް ޢާންމުންނާ ދެކޮޅަށް ގައްޒާފީގެ ބާރުތަކުން ބަރުހަތިޔާރު ބޭނުންކޮށް އެތަށް ސަތޭކަ ބަޔަކު ވަރަށް އަނިޔާވެރިކަމާއެކު މަރާލުމާ ގުޅިގެންނެވެ.

ގައްޒާފީގެ ވެރިކަން ބަދަލުކުރުމަށް ބޭނުންވާ ލީބިޔާގެ ޢާންމުންނާ ދެކޮޅަށް ގައްޒާފީގެ ބާރުތަކުން ހިންގި އިންސާނިއްޔަތާ ޚިލާފު އަނިޔާތަކާގުޅިގެން ލީބިޔާގައި އުފެދުނު އަހްލީ ހަނގުރާމައިގެ ތެރެއަށް ހުޅަނގުގެ ބާރުތަައްވެސް މިހާރުވަނީ ވަދެފައެވެ.

ނޭޓޯގެ މަތިންދާބޯޓުތަކުން އިއްޔެވެސް ލީބިޔާގެ ވެރިރަށް ޓްރިޕޮލީގެ އެތަށް ސަރަޙައްދަކަށް ވައިގެ ޙަމަލާތައް ދިން ކަމަށް ޚަބަރު ލިބެއެވެ. -- އަލްޖަޒީރާ