09 Oct 2016, 12:19
ރާއްޖޭގެ އަމިއްލަ، އިންޓަނޭޝަނަލް އެއާލައިން މެގަ މޯލްޑިވްސްއިން ސްރީލަންކާގެ ކޮލޮމްބޯއަށް ކުރާ ދަތުރުތައް މިއަހަރު ނިމުމުގެ ކުރިން ފަށާނެ ކަމަށް އެ އެއާލައިނުން ބުނެފިއެވެ.
މެގަ މޯލްޑިވްސްގެ ތަރުޖަމާނު ޖާވިދު ފައިޒަލް "ސަން" އަށް ވިދާޅުވި ގޮތުގައި، ކުރިޔަށް އޮތް ނޮވެމްބަރު ނުވަތަ ޑިސެމްބަރު މަހުގެ ތެރޭގައި ކޮލޮމްބޯ ދަތުރުތައް ފަށާނެއެވެ.
ޖާވިދު ވިދާޅުވީ، ލަންކާގެ ޓްރެވެލް އޭޖެންޓަކާ އެކު މެގަ މޯލްޑިވްސްއިން އެއްބަސްވުމެއް ގާއިމުކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ.
މީގެ އިތުރުން ޖާވިދު ވިދާޅުވީ، ކޮލޮމްބޯގައި މެގަ މޯލްޑިވްސްއަށް ގްރައުންޑް އޮޕަރޭޝަންސްތައް ބަލަހައްޓައިދޭނީ ސްރީލަންކަން އެއާލައިންސްއިން ކަމަށާއި، އެހެންކަމުން ސްރީލަންކަންއާ އެކު ވެސް މެގަ މޯލްޑިވްސްއިން އެއްބަސްވުމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މެގަ މޯލްޑިވްސްއިން ކޮލޮމްބޯއަށް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ހަފްތާ ބަންދުގެ ދެ ދުވަހުއެވެ. އެއީ ކޮންމެ ހަފްތާ ބަންދެއްގައި ދެ ދަތުރު ކަމަށް އެ އެއާލައިންގެ ތަރުޖަމާނު ޖާވިދު ފައިޒަލް ވިދާޅުވިއެވެ.
މެގަ މޯލްޑިވްސްއިން މަސައްކަތް ކުރަމުން ދަނީ ވެ. އެގޮތުން، އިންޑިއާގެ ވެރިރަށް ނިއު ދިއްލީއާއި މާލެއާ ދެމެދު އަންނަ މަހުގެ ތެރޭގައި ދަތުރުތައް ފަށަން މެގަ މޯލްޑިވްސްއިން ތައްޔާރުވެފައިވާ އިރު، އެއަށް ފަހު މުމްބާއީއާއި މާލެއާ ދެމެދު ވެސް ދަތުރުތައް ފަށާނެއެވެ.
އެ އެއާލައިނުގެ އޮފީހެއް ވެސް ދިއްލީގައި ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އެއާލައިނުން ބުނެއެވެ.
ރާއްޖޭގެ އެންމެ ބޮޑު ޓޫރިޒަމް މާކެޓު ކަމުގައިވާ ޗައިނާއާ ރާއްޖެއާ އެންމެ ފުޅާ ދާއިރާއެއްގައި ގުޅުވައިދޭ މެގަ މޯލްޑިވްސްއަށް ވަނީ ޗައިނާ މާކެޓު ދަށްވަމުން ދިއުމުގެ ސަބަބުން މާލީ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައެވެ. އޭގެ ސަބަބުން އެ ކުންފުނީގެ ބައެއް މުވައްޒަފުން ވެސް ވަނީ ކުންފުނިން ވަކިކޮށް، މިއަހަރު ދަތުރުތައް ފެށުމަށް ހަމަޖެހިފައި އޮތް ބައެއް މަންޒިލުތަކަށް ދަތުރުކުރުން ފަސްކޮށް، ބައެއް މަންޒިލުތައް ކެންސަލް ވެސް ކޮށްފައިވެއެވެ.
މި އަހަރު ފެށުމަށް ރާވާފައި އޮތް ތަފާތު މަންޒިލުތަކުގެ ތެރޭގައި ދެކުނު އެފްރިކާ، ތައިލެންޑް އަދި ވިލާތުގެ ބައެއް ގައުމުތައް ހިމެނެއެވެ. ނަމަވެސް މިއަހަރު މެގައިން އާ މަންޒިލެއްގެ ގޮތުގައި ދަތުރުކުރާނީ ސްރީލަންކާ އަދި އިންޑިއާއަށެވެ.
މެގަ މޯލްޑިވްސްއިން މިދިޔަ މަހުގެ ތެރޭގައި ވަނީ ބޮއިންގް 800-737 މަރުކާގެ ފްލައިޓެއްވެސް އެ އެއާލައިނުގެ ފްލީޓަށް ގެނެސްފައެވެ.