09 Oct 2016, 11:58
ޕޯޓް އައު ޕްރިންސް (އޮކްޓޯބަރު 9): ހެއިޓީއަށް މިދިޔަ ހަފްތާ ތެރޭގައި އެރި ތޫފާނުގެ ސަބަބުން އެގައުމުގެ ދެކުނުގެ 90 ޕަސެންޓު ވަނީ ބިމާ ހަމަވެފަ ކަމަށް އެހީ ފޯރުކޮށްދޭ ފަރާތްތަކުން ބުނެފި އެވެ.
ހަރިކޭން މެތިއުގެ ނަން ދީފައިވާ އެތޫފާނުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބުނު ބައެއް ސަރަހައްދުތަކަށް އަދިވެސް އެއްގަމުން ދެވެން ނެތް ކަމަށާއި އެސަރަހައްދުތަކުން މަރުވެފައިވާ އިތުރު މީހުން ފެނުމުގެ ބިރު އޮތް ކަމަށް އެހީ ފޯރުކޮށްދޭ ފަރާތްތަކުން ބުންޏެވެ.
"އަޅުގަނޑުމެންނަށް (ހެއިޓީގެ) ދެކުނުން ފެނިފައި ވަނީ ވަރަށް ބޮޑުތައް ބިމާ ހަމަވެފައިވާ ތަން. ބައެއް ސަރަހައްދުތަކުގައި 90 ޕަސެންޓަށް، އެއްކޮށް ސުންނާފަތިވެފަ،" ހެއިޓީގައި އެހީ ފޯރުކޮށްދެމުންދާ ހެލްތް އިންޓަނޭޝަނަލްގެ ނަރުހަކު ބުންޏެވެ.
އޮފިޝަލުން ބުނާ ގޮތުގައި އެތޫފާނުގައި މަރުވިކަން ޔަގީންވި މީހުންގެ އަދަދު 900އާ ގާތް ކުރެ އެވެ. އަދި އެހީއަށް ބޭނުންވެފައިވާ 350،000 މީހުން ތިބި ކަމަށް ހެއިޓީގެ ސަރުކާރާއި ޔޫއެން އޮފިޝަލުން ލަފާ ކުރެ އެވެ. ނަމަވެސް ތޫފާނުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަހައްދުތަކުން ކަރަންޓާއި މުވާސަލާތީ ހިދުމަތް ކެނޑިފައި ވުމުން އެހީ ފޯރުކޮށް ދިނުމަށް ދަތިތަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ.
ފާއިތުވި 10 އަހަރު ތެރޭގައި ކެރީބިއަން ރަށްތަކަށް އެރި އެންމެ ވަރުގަދަ ތޫފާންގެ ގޮތުގައި ފާހަގަކޮށްފައިވާ އެތޫފާން ހެއިޓީއަށް އަރާފައި ވަނީ 2010 ވަނަ އަހަރު އެގައުމަށް އެރި ބިންހެލުމުން ލިބުނު ގެއްލުމުން އަރައި ނުގަނެވެނީސް އެވެ. އަދި އޭރު އެތައް ހާސް ބަޔަކަށް ކޮލެރާ ޖެހުނު ފަދައިން އަނެއްކާވެސް ގައުމުގައި ކޮލެރާ ފެތުރުމުގެ ބިރު އޮތް ކަމަށް އޮފިޝަލުން ބުނެ އެވެ. (ބީބީސީ)