ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރު، ޓަމިލް ފިލްމު އިންޑަސްޓްރީއަށް ނުކުތުމަށް ތައްޔާރު ވަމުން އަންނަ ކަމަށް ޚަބަރުތައް ބުނެފި އެވެ.

ބޮލީވުޑްގެ ގިނަ ފަންނާނުން ތަކެއް މިހާރު ޓަމިލް ފިލްމު އިންޑަސްޓްރީގައި ހަރަކާތްތެރި ވުމަށް އަންނަނީ ޝައުގުވެރިކަން ފާޅު ކުރަމުންނެވެ.

ޚަބަރުތައް ބުނާގޮތުން، ސޯނަމް ތައްޔާރު ވަމުން އަންނަނީ، ސުޕަސްޓަރ ރަޖްނީކާންތުގެ އަންހެން ދަރިފުޅު ސޯންދްރިޔާ ރަޖްނީކާންތު އުފައްދާ ފިލްމަކަށެވެ.

އެ ފިލްމުގެ ކާސްޓު ފައިނަލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، ސޯނަމްގެ އިތުރުން ދަނުޝް ވެސް ވަނީ ލިސްޓުގައި ހިމަނައިފައެވެ. ދަނުޝް އާއި ސޯނަމް ވަނީ މީގެ ކުރިން ވެސް ހިންދީ ފިލްމެއްގައި މަސައްކަތް ކޮށްފައެވެ.

ސޯނަމް އާއި ދަނުޝް ފެނިގެންދާ ޓަމިލް ފިލްމަށް ދީފައިވާ ނަމަކީ "ނީކް" ކަމަށް ޚަބަރުތައް ބުނެ އެވެ. އެ ފިލްމަކީ ކައިވެނީގައި ދިމާވާ މައްސަލަތަކެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ.